ސައިބާ ކްރައިމްގެ ކުށްތައް ފުޅާވަމުންދާ ދިއުން ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށާއި، އެކަމުން ރައްކާތެރިވުމަށްޓަކައި އެކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވަން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.
"ސައިބާ އެކްސްޕޯ 2024″ ގެ ވެބްސައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝުޖާއު ވިދާޅުވީ، މި އެކްސްޕޯއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ދުނިޔޭގައި، އެއިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި، ކަމުވޮށިގެންވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބުނު އައު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.
ސީޕީ ވަނީ މައުލޫމާތު ހިއްސާކުރުމަށް ނިޒާމުތައް ކަނޑައެޅުމާއި، ސައިބާ ކްރައިމްގެ ނުރައްކާތަކާއި، ޑިޖިޓަލް ސެކިއުރިޓީގެ ވަލްނަރަބިލިޓީސްތައް ދެނެގަތުމާއި، އެކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެދި ލައްވާފައެވެ. އެގޮތުން ރައްކާތެރި ސައިބާ ވެއްޓެއް ގާއިމުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް، ބެސްޓް ޕްރެކްޓިކްސްތަކާ ޕޮލިސީސްތައް ތައްޔާރުކޮށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް ލަނޑުދަނޑި ކަނޑައެޅުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އަދި މިއަދު ދިވެހި ރައްޔިތުންގެ އަމާޒަކަށްވާންވީ، ސައިބާ ސެކިއުރިޓީގެ ފަންނުވެރިން މަދުއިރު، މިދާއިރާއަށް އައު ފަންނުވެރިން ތައާރަފުކޮށް ހިތްޖެއްސުން ކަމަށާއި ސައިބާ ސެކިއުރިޓިއަށާއި، ސައިބާ ކްރައިމްގެ އެންމެހައި ކަންތައްތަކަށް މީހުން އަހުލުވެރިކުރުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ތުއްތު ތުއްތު ޅަދަރީންނާއި އިސްރަށްވެހީން ސައިބާ ކްރައިމް އިން ރައްކާތެރިކުރުމަށް ސައިބާ ކްރައިމްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުން މުހިންމު ކަމަށެވެ. އެކަމުގެ ސަބަބުން އިންޓަނޭނަޝަލް ބެސްޓް ޕްރެކްޓިކްސްތަކާއި ގާނޫނުތަކަށް ލޯ ހުޅުވި، ދިވެހިރާއްޖޭގެ ގާނޫނުތަކަށް އެކަށޭނަ ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެ ކަމަށެވެ.

