ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނާއެއް ބަލައި ފާސްކޮށްފައެވެ.
މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.38 ގްރާމް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

