އައުު ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިންނަށް ބަދަލުކުރުމުގެ ފުރުސަތަށް ހުޅުވާލައި އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
އެ ގަވައިދަށް ގެނައި އިސްލާހުގައި ވިދާޅުވެފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓްރީ ނަންބަރުގެ ބަދަލުގައި ޑޮމެއިން ނަންބަރު ޖަހަން ބޭނުންވާ ފަރާތްތަކަށް ޑޮމެއިން ނަންބަރު ޖެހިދާނެ ކަމަށެވެ. ޑޮމެއިން ނަންބަރު ބޭނުންކުރާއިރު ހުއްދަ، އުޅަނދުގައި ނުވަތަ ދުއްވާ މީހާގެ އަތުގައި ފަސޭހައިން ފެންނާނޭހެން އޮންނަންވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އަދި ޑޮމެއިން ބޭނުންކުރުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ނޫން އުޅަނދެއްގައި ޑޮމެއިން ބޭނުން ކުރުން މަނާވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ޑޮމެއިން ރަޖިސްޓްރީކުރުމާއި އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ހުއްދައާއި ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމުގެ ހުއްދައާއި ޑޮމެއިން ދޫކޮށްފައިވާ އުޅަނދު ބަދަލުކުރުމަށް 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
އޭގެއިތުރުން އިސްލާހުގައި ވަނީ އެ ގަވައިދަށް އަމަލުކުރަން ފަށާއިރު އެ ވުޒާރާއިން ދޫކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓްރީ ލިޔުމާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަތައް އެ ގަވައިދާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި 60 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން ނުވަތަ ފައިސާ ދެއްކި ކަމުގެ ސިލިޕް އެ ވުޒާރާއިން ހުށަހަޅަންވާނެ ކަމަށެވެ.
އަދި އެ ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ވުޒާރާއިން ކުރިން ދޫކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓްރީގެ ލިޔުމާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަތައް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މި ހިދުމަށް އެދި ހުށަހަޅާނީ ފޯމާއި ލިޔެކިޔުންތަކާއެކު [email protected] އަށް ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކައުންޓަރަށެވެ.

