ތިނަދޫގެ ބައެއް ފްލެޓުތަކުގެ ހާލަތު ހުރީ މީހުންނަށް ދިރިއުޅެވޭ ހާލަތަށްވުރެ ދަށް ހާލަތުގައި ކަމަށާއި އެ ކަންކަން ހައްލުކޮށްދެއްވުމަށްޓަކައި އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީއާ ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަލްސަން އަޙްމަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ފްލެޓުތަކުގެ ހާލަތު ބައްލަވާލެއްވުމަށް އެތަނަށް ޒިޔާރަތް ކުރެއްވުމަށްފަހު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ދެކުނު ދާއިރާގެ މެމްބަރު އަލްސަން ވިދާޅުވީ އެތަނުގެ ހާލަތު ބަލައިލުމުން އެތަނަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާވަރުގެ ތަނެއް ނޫން ކަން އެނގިގެންދިޔަ ކަމަށެވެ. އަދި އެކަންކަން ހައްލުކޮށްދިނުމަށް ދެ މެމްބަރުން ގުޅިގެން ސަރުކާރުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިފަހަރު މާލެ ގޮސް، ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް އުތުރުދާއިރާގެ އެމްޕީއާއެކު މިކަންކަމަށް ހައްލު ހޯދައިދޭން މަސައްކަތްކޮށްދޭނަން. ދެންމެ މި ވަން ފްލެޓުގެ ހާލަތު ވަރަށް ގޯސް. ބަޔަކު ދިރިއުޅެން ކަމުދާ ހާލަތެއްގައެއް ނޫން އެތަން ހުރީ، މިކަންކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކޮށްދޭނަން." އަލްސަން ވިދާޅުވިއެވެ.
ފްލެޓުތަކުގެ މައްސަލަ ހައްލު ނުވެ ގިނަދުވަސްތަކެއް ވެފައިވާއިރު، އެތަނުގައި ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން ތަނުގެ ފެން ލައިނުތައް ފަޅައިގެން ގޮސް ސީލިން ލައިޓުތަކުން ފެން ލީކުވުމާއި، މޯޓަރުތައް ހަލާކުވެ އެއްވެސް ގޮތަކަށް ފެން ނުލިބުމުގެ ދަތިކަންވެސް ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. މިކަންކަމާ ގުޅޭ ގޮތުން އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ފަރާތްތަކުން ވަނީ އެކި ފަހަރުވަމުން ކައުންސިލާ ހިއްސާކޮށްފައެވެ. ނަމަވެސް ކައުންސިލުން އެކަންކަމަށް ހައްލެއް ހޯދައިދީފައި ނުވެއެވެ.
އެތަންތަނުގެ ހާލަތު ބެއްލެވުމަށްފަހު މިއަދު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވީ، އެތަނުގެ ހާލަތު ގާތުން ބައްލަވަމުން ގެންދާނެ ކަމަށާއި، ހުރި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގައިވެސް އެކަމާ ގުޅިގެން އަޑު އުފުއްލަވާނެ ކަމުގައި ވިދާޅުވިއެވެ.
މީހެ އިތުރުން އެތަނުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ސިޓީ ކައުންސިލުން ވަނީ އިހުމާލުވެފައި ކަަމަށާއި، އެ ކައުންސިލް ޖަވާބުދާރީ ކުރުވުމަށް މަސައްކަތަކޮށްދެއްވާނެ ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.

