ބޮއްސުންލާފައިވާ ތިނަދޫ ފްލެޓުތަކުގެ ހާލަތު ދެ މެމްބަރުން ބައްލަވާލައްވައިފި

ބޮއްސުންލާފައިވާ ތިނަދޫ ފްލެޓުތަކުގެ ހާލަތު ދެ މެމްބަރުން ބައްލަވާލައްވައިފި

ރައީސް ޔާމީންގެ ސަރުކާރުގައި ގދ. ތިނަދޫގައި އެޅި 120 ފްލެޓުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ތިނަދޫގެ ދެ ދާއިރާއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންް ކަމުގައިވާ ސައުދުﷲ ޙިލްމީއާއި މުޙައްމަދު އަލްސަން އަހްމަދު އެތަނަށް ޒިޔާރަތްކޮށް ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ. ފްލެޓުތަކަށް މެމްބަރުން ޒިޔާރަތްކުރެއްވީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

ފްލެޓުތަކުގެ މައްސަލަ ހައްލު ނުވެ ގިނަދުވަސްތަކެއް ވެފައިވާއިރު، އެތަނުގައި ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން ތަނުގެ ފެން ލައިނުތައް ފަޅައިގެން ގޮސް ސީލިން ލައިޓުތަކުން ފެން ލީކުވުމާއި، މޯޓަރުތައް ހަލާކުވެ އެއްވެސް ގޮތަކަށް ފެން ނުލިބުމުގެ ދަތިކަންވެސް ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. މިކަންކަމާ ގުޅޭ ގޮތުން އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ފަރާތްތަކުން ވަނީ އެކި ފަހަރުވަމުން ކައުންސިލާ ހިއްސާކޮށްފައެވެ. ނަމަވެސް ކައުންސިލުން އެކަންކަމަށް ހައްލެއް ހޯދައިދީފައި ނުވެއެވެ.

"ފާޚާނަ ފްލަޝް ކޮށްލީމަ ލައިޓުތަކުން ފެން ލީކުވާން ފަށާ، މިތަނުގަ ދެވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ލައިޓުން ތިކި ޖަހާލަ ޖަހާލަ އެ ހުންނަނީ. މުޅި އިމާރާތުގެ ތެރޭގައި މި އޮންނަނީ ފެން. މިއީ ނަޖިސް ފެން ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގޭ. ނޭނގި ހުއްޓާ ފެން ކަނޑައިގެންދަނީ. މިތަނުގައި ހުރި ވަޅުތަކުން މި ފްލެޓުތަކަށް ބޭނުންވާ ވަރަށް ފެން ނުލިބޭ. ނަޖިހުން ތާހިރު ނުވެ އުޅެން މިޖެހެނީ" އެތަނުގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ސިޓީ ކައުންސިލާއެކު ބައްދަލުކުރުމަށް އެދުމުން މޭޔަރު ސައުދު އަލީ ވަނީ އެ ބައްދަލުވުން ބޭއްވެން ނެތް ކަމަށްބުނެ ރައްޔިތުންނަށް ފުރުގަސް ދީފައެވެ. އެއާއެކު ރައްޔިތުން އެދުނީ މެމްބަރުންގެ އެހީއަށެވެ.

އެތަންތަނުގެ ހާލަތު ބެއްލެވުމަށްފަހު މިއަދު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވީ، އެތަނުގެ ހާލަތު ގާތުން ބައްލަވަމުން ގެންދާނެ ކަމަށާއި، ހުރި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގައިވެސް އެކަމާ ގުޅިގެން އަޑު އުފުއްލަވާނެ ކަމުގައި ވިދާޅުވިއެވެ.

"ކައުންސިލުން މެއިންޓެނަންސް އަށް ބިލް ކުރަނީ މިނިސްޓްރީއަށް. ކުރީމަ އެ ބިލްތަކަށް ފައިސާ ނުދައްކާ ކަމަށް ކައުންސިލުން ބުނަނީ. މިނިސްޓްރީން ބުނަނީ މެއިންޓެނަންސް އެއްބަސްވުމުގައި ސޮއި ކުރުމަށް ކައުންސިލަށް ފޮނުވުމުން ސޮއިކޮށްފައި ނުވާކަމަށް. އެއީ ފައިސާ ނުދައްކާތީ ކަމަށް. ތަނުގައި އުޅޭ މީހުންނަށް ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަކީ ޒިންމާއެއް." ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲގެ އިތުރުން އަލްސަންވެސް ވިދާޅުވީ، އެތަނުގެ ހާލަތު ބަލައިލުމުން އެތަނަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާވަރުގެ ތަނެއް ނޫން ކަން އެނގިގެންދިޔަ ކަމަށެވެ. އަދި އެކަންކަން ހައްލުކޮށްދިނުމަށް ދެ މެމްބަރުން ގުޅިގެން ސަރުކާރުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *