މާލޭގެ އިސްލާމީ މަރުކަޒު ފުރިހަމަ މަރާމާތެއް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒު ހުޅުވިތާ މިއަދު 40 އަހަރު ފުރުމާ ދިމާކޮށް ވަޒީރު މީސް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ވެސް ދެއްވާފައިވާ ކަމަށެވެ.
އަދި އިސްލާމީ މަރުކަޒުގެ ކަންކަމަށް ރައީސް ހާއްސަ ސަމާލު ކަމެއް ދެއްވާ ކަމަށާއި، އެގޮތުން އެތަނުގެ ފުރިހަމަ މަރާމާތެއް އަންނަ އަހަރު ކުރަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީމްގެ ޕޯސްޓްގައި ވަނީ ހުރިހާ ދިވެހިން ލޯބިވާ އިސްލާމީ މަރުކަޒު ބިނާކޮށް ދެއްވީތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޝުކުރު ވެސް އަދާކުރައްވާފައިވެއެވެ. ވަޒީރު ވިދާޅުވީ، އެއީ ޖީލެއްގެ ތަރުބިޔަތުގެ ރަމްޒު ކަމަށާއި، ރާއްޖޭގެ އިސްލާމީ ގައުމީ ޝަހްސިއްޔަތުގެ ނިޝާން ކަމަށެވެ. އަދި އިސްލާމީ ތަރުބިޔަތާއި ތައުލީމާއި ތަމްރީނުގެ ކިއްލާކަމަށްވެސް ވަޒީރު ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
"ރޯދަ މަސް އިޙުޔާކުރުމުގެ ޖަލްސާތަކާއި ޤައުމީ ޤުރުއާން މުބާރަތާއި އިމާމުން ތަމްރީނު ކުރުމާއި ޤައުމީ، ބައިނަލްއަޤުވާމީ އިސްލާމީ ކޮންފަރެންސްތަކާއި ޖަލްސާތަށް ހުއްޓުމެއްނެތި 40 އަހަރުގެ މުއްދަތަށް އެ ބިނާގެ ތެރޭގައި ހިނގަމުން އައި ބިނާ އަކީ އިސްލާމީ މަރުކަޒު." ވަޒީރު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އިސްލާމީ މަރުކަޒު ހުޅުވާފައިވަނީނޮވެމްބަރު 11، 1984 ގައެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

