ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް މަރާމާތު ކުރުމަށްފަހު ޓާޝަރީ ފެންވަރުގައި މިމަހުގެ 16 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް މިމަހުގެ 16 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށާއި، އެތަނަކީ ހޮހަޅައެއް ކަަމަށް ބުނެ ބައެއް ފަރާތްތަކުން އެތަން ބޭނުން ނުކުރި ކަމަށެވެ.
"ނޮވެމްބަރު މަހުގެ 16 ގައި އަޅުގަނޑުމެން ދަރުމަވަންތަ ހޮސްޕިޓަލު އެބަ ޓާޝަރީ ހޮސްޕިޓަލަކަށް ހަދަން. އެތަނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ގާއިމުކޮށް. ކުރިން ބައެއް މީހުން ހޮހޮޅައެއް ގޮތަށް ސިފަކުރި ތަނެއް، ދަރުމަވަންތަ ހޮސްޕިޓަލު ހަގީގީ ހޮސްޕިޓަލަކަށް ހަދައި ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް ހުރިހާ ފެސިލިޓީއެއް ގާއިމުކޮށްފައި ނޮވެމްބަރު 16 ގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުޅުވާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިގެންދާނީ ހުރިހާ ޚިދުމަތެއް ޓާރޝިއަރީ ފެންވަރަށް ގާއިމްކުރުމަށްފަހު ކަަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް މިމަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލް ޓާރޝިއަރީ ފެންވަރުގެ ޚިދުމަތްތަކާއެކު ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތް ރައީސް ޔާމީނުގެ ވެރިކަމުގައި ނިންމައި، އެތަނުގެ ޚިދުމަތް ބޭނުންކުރަން ފެށީ ކޮވިޑް-19 ގެ ތެރޭގައެވެ. އެހެން ނަމަވެސް އެތަން ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.

