ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަނީ

ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެ ހޮސްޕިޓަލް ތަރައްގީ ކުރަން ނިންމީ ލ. ގަމުގައެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލް ފުރަގަހަށް އޮންނަ ޕާކިންގ ޒޯން ސަރަަހައްދުގައި އިމާރާތް ކުރުމަށް ނިންމާފައެވެ. އެތަން ތަރައްގީ ކުރަނީ 25 ބުރިއަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްގީ ކުރަން ނިންމާފައި ވަނީ އިތުރު ދާއިރާތަކުގެ ގިނަ ޚިދުމަތްތައް ވެސް ހިމެނޭ ގޮތަށެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ އޮތް ރަސްމީ އިޙުތިފާލުގައި، ޤައުމާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ރާއްޖޭގައި ކެންސަރު ބައްޔަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ހިދުމަތެއް ނޫން ކަމަށާއި، ބައެއް ބޭބޭފުޅުން ޖޯކު ޖެއްސެވިކަމުގައިވީ ނަމަވެސް، ރާއްޖޭގެ އަދުގެ ހާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ހާއްސަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭ ކަމަށެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިކަން ހަގީގަތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި ހަލުވި ދުވެލީގައި މަރުހަލާއަކަށްފަހު މަރުހަލާއެއް ނިންމާ، ފުރިހަމަ ކުރެވެމުންދާކަންވެސް ފާހަގަކުރައްވާފައެވެ.

‎ކެންސަރ ހޮސްޕިޓަލުގެ އިތުރުން، ރާއްޖޭގައި، ހާއްސަ ޒުވާނުންގެ މެދުގައި އެންމެ ނުތަނަވަސްވެފައިވާ ނަފުސާނީ ބަލީގެ ކަންކަމުގެ ފަރުވާއަށް ލ.ގަމުގައި ހޮސްޕިޓަލު ތަރައްޤީކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމަވާފައިވާކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ވެރިކަން ކުރާ ބަޔަކުނަމަ ކުރަންޖެހޭނެ ކަންކަމަކީ މިފަދަ ކަންކަން ކަންވެސް ފާހަގަކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ސިއްހީ ހިދުމަތް ހޯދުމަށް އޮތް ތަކުލީފް ނައްތާލުމަށް ހާއްސަ ފަސް ހޮސްޕިޓަލެއް ގާއިމް ކުރަން ހިމަނާފައި ވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *