ޗާގޯސްގެ މައްސަލައިގައި ރައީސް މުއިއްޒުގެ ސިޓީފުޅެއް އިނގިރޭސި ވިލާތަށް

ޗާގޯސްގެ މައްސަލައިގައި ރައީސް މުއިއްޒުގެ ސިޓީފުޅެއް އިނގިރޭސި ވިލާތަށް

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސި ވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސި ވިލާތަށް ހާއްސަ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީ އެތަނުގައި މީހުން ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަށް އިނގިރޭސި ވިލާތުން އެއްބަސްވެ، އެކަމާ ގުޅޭ ބަޔާނެއް އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފޯޅަވަހީގައި ކުރިން ދިރިއުޅުނު މީހުންނަށް އަނބުރާ އެ އަތޮޅުގެ ރަށްރަށުގައި ވަޒަންވެރިވެވޭނެ ގޮތަށް ފޯޅަވަހީގެ ހުރިހާ ސިޔާދަތީ ބާރުތަކެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މޮރިޝަސްއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފޯޅަވަހީގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އަދިވެސް އެތަނުގައި ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށްޓަކައި މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެ ސަރަހައްދުން ބައެއް ގެއްލުނީ ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފަށް ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލި އިރު ކަނޑުން ގެއްލުނު ބައި ހޯދަން މި ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރޯމާ ދުވާލު ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ގާނޫނުއަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއް ނެތި އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލީ." ރައީސް ވިދާޅުވިއެވެ.

ފޯޅަވައްސަކީ މީގެ ކުރިން މޮރިޝަސްގެ ބައެއް ކަމަށް އެ ގައުމުން ދައުވާކުރެއެވެ. 1814 އިން ފެށިގެން އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް މޮރިޝަަސް 1965 ވަނަ އަހަރު މިނިވަންކުރި އިރު އިނގިރޭސިވިލާތުން ވަނީ ފޯޅަވަހި އެ އިނގިރޭސީންގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ"ގެ ނަން ދީފައެވެ. އަދި އެތަނުގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރި އިރު، އެ އަތޮޅުގައި ދިރިއުޅުނު މީހުން ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަން ވަނީ މަޖުބޫރުކޮށްފައެވެ.

އެ މައްސަލައިގައި މޮރިޝަސްއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިނގިރޭސިވިލާތާ ދެކޮޅަށް ދައުވާކުރުމުން 2019 ވަނަ އަހަރު އެ ކޯޓުން ވަނީ އިނގިރޭސިވިލާތުން އެ އަތޮޅު އަނބުރާ މޮރިޝަސްއަށް ދޭން ޖެހޭނެ ކަމަށާއި އެތަނުގައި ދިރިއުޅު މީހުން ބޭލުވީ ގޯސްކޮށް ކަމަށް ބުނެފައެވެ.

އެ ނިންމުމާއެކު މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުޅާވެ، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށޫއެރިއެވެ. ކޮންމެ ގައުމެއްގެ ވެސް ހިކިފަސް ބިމުން ފެށިގެން 200 ނޯޓިކަލް މޭލަކީ އެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށް ބައިނަލްއަގުވާމީ ގާނޫނުތައް ބުނާއިރު، ރާއްޖެއާއި މޮރިޝަަސްއާ ދެމެދު ޖެހުނު މައްސަލަ ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަށް ހުށަހެޅިއެވެ.

އެ ޓްރައިބިއުނަލުން ބެލި މައްސަލައިގައި މިދިޔަ ސަރުކާރުން ނިންމާފައި ވަނީ މޮރިޝަސްއާ ފުށޫއަރާ ސަރަހައްދު ހަމަހަމައަށް ބައިކޮށްލުމަށެވެ. އެއާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއްގެ ގެއްލުމުން ކަނޑި ވިއްކާލީ ކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

އެޓާނީ ޖެނެރަލްގެ މުވައްޒަފެއް އދ. ގައި ދާއިމީކޮށް ހުންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން އދ. ގައި ހުންނެވި އޭޖީގެ މުވައްޒަފު ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ފަހުން އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޮސް ހަވާލުކުރުމާއި ބެހޭ ވާހަކަތަކެއް ދެެކެވުމުން ރާއްޖެއިން ރަސްމީކޮށް ސިޓީއެއް ފޮނުވައިގެން ކަނޑުން ގެއްލުނު ބައި ހޯދަން އެދިފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިނގިރޭސި ސަރުކާރުން މޮރީޝަސްއަށް ޗާގޮސް ހަވާލުކުރުމާއި ބެހޭ ވާހަކަތައް ދެކެވުނީމާ، އަޅުގަނޑުމެންގެ ތާރީޚީ ގުޅުމެއް އޮތް ތަނަކަށް އެތަންވާތީ ރަސްމީކޮށް ލިޔެކިޔުމުން ސިޓީއަކުން، ދިވެހި ސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކުގައި ފެންނަން ހުރި ލިޔެކިޔުންތައް ހުރުމާއެކުގައި އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަން ބޮޑު ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައި ބެލިދާނެ ތަނެއް ކަމަށް ތާރީހީ ގޮތުން ފެންނަން ހުރުމާއެކީގައި އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ ސިޓީ ފޮނުވާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑުން ގެއްލުނު ބައި ހޯދުމަށާއި އެހެނިހެން ކަންތައްތައް ކުރުމުގައި ފަހަތަށް ޖެހުމެއް ނެތި ކުރިޔަށް ދާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތައް ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *