ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނަން، ފަހިކޮށްދޭނީ އެދާއިރާއަށް ބޭނުންވާ ކަންކަން – ރައީސް

ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނަން، ފަހިކޮށްދޭނީ އެދާއިރާއަށް ބޭނުންވާ ކަންކަން – ރައީސް

ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި މި ސަރުކާރުން ކުރާނެ ކަމަކީ އެ ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކޮށްދީ،  އެ ދާއިރާއަކީ ސަލާން ނުޖަހާ އުޅެވޭ ދާއިރާއަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވި ވަގުތުން ފެށިގެން ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ކުރެވިފައިވާ ކަމަށެވެ. އަދި ސަލާންޖަހަން ނުޖެހި އަދުލު އިންސާފު ރާއްޖޭގައި ގާއިމުކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނޮވެމްބަރު 17، 2023 ވީ ހުކުރު ދުވަހު ހަވީރު 5:03 އިން ފެށިގެން ދިވެހިރާއްޖޭގެ ސަރުކާރުން ޝަރުއީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވާ. ކުރިޔަށް އޮތް ތަނުގައި ވެސް ނުފޯރުވާނަން. އެހެންވީމާ ސިޔާސީ ގޮތުން މީހުން ހައްޔަރު ނުކުރަނީ، ސިޔާސީ ގޮތުން ހައްޔަރުވެފައި ތިބި މީހުން މިނިވަންވެސް ވަނީ. އަޅުގަނޑުމެން ނުފޯރުވާނަން ޝަރުއީ ދާއިރާއަކަށް ނުފޫޒެއް. އޭގެ ބަދަލުގައި ޝަރުއީ ދާއިރާއަށް ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދޭނީ. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ އިމާރާތްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަންނަ އަހަރު ހައްލުކުރެވޭނެ ކަމަށާއި ކުރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު މާޗް ނުވަތަ އޭޕްރީލް ހިސާބު ނިމޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމެނިގެން ޝަރުއީ ދާއިރާގެ ކޮމްޕްލެކްސް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ސްޕްރީމް ކޯޓަކީ މާލޭގައި ހުންނަން ޖެހޭ އިމާރާތެއް ކަމަށް ގަބޫލުފުޅުކުރައްވާތީ ސުޕްރީމް ކޯޓު އެޅުމަށް ބޭނުންވާ ބިން މިދިޔަ ހަފްތާގައި ހަވާލުކޮށްފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ ޝަރުއީ ދާއިރާ މިނިވަންކޮށް، އެހެން ބަޔަކަށް ބަރޯސާނުވެ އާދޭސްކުރަން ނުޖެހި ސަލާންޖަހަން ނުޖެހި އުޅެވޭގޮތް ހެދުން އެއީ ހަގީގީ އިހުލާސްތެރިން ވެރިކަންކުރާ ގޮތަކީ. އެގޮތަށް އެކަންވާތަން ފެންނާނެ." ރައީސް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ މިނިވަންކަންމަތީ ބޭއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ޝަރުއީ، ޖުޑިޝަރީ ވާނީ ހަގީގީ މާނައިގައި މިނިވަން ދާއިރާއަކަށް ކަަމަށާއި ޝަރީއަތުގެ ތެރެއަށް ދައުލަތުގެ، ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަަމަށްވެސް އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭ ވިދާޅުވެފައެވެ.

އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *