ބަޖެޓުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހަށް ނިންމަން އަމާޒު ހިފައިފި

ބަޖެޓުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހަށް ނިންމަން އަމާޒު ހިފައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު އަމާޒު ހިފައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލިހަށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި، އަންނަ އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަންނަ އަހަރު 2.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބަޖެޓުގައި ރަހުމަތްތެރި ގައުމުތަކުން 2.3 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. މާލީ އިދާރާތައް މެދުވެރިކޮށް 336 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ބަޖެޓުގައި ލަފާކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު، މަޖިލިހަށް ބަޖެޓް ހުށަހެޅިއިރު، ބަޖެޓް ކޮމިޓީގައި ވަނީ ބަޖެޓް ދިރާސާކުރާނެ ޓައިމްލައިނެއް އެކުލަވާލައިފައެވެ. ބަޖެޓުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ކަނޑައަޅާފައިވެއެވެ.

އަދި އޮޑިޓް އޮފީހާއި އެމްއެމްއޭ އިން ބަޖެޓާ ގުޅޭ ގޮތުން ހުށަހަޅާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދޭން ވެސް ނިންމާފައިވެއެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭ ތަފްސީލު ހޯދުމާއި ވަކިވަކި އޮފީސްތަކާ ގުޅޭ ބަޖެޓުގެ ތަފްސީލު ހޯދުމަށް ވެސް ނިންމާފައިވެއެވެ.

ބަޖެޓު ކޮމިޓީ ބައްދަލުވުމުގައި ވަނީ ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ކޮމިޓީގެ ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހަމަޖައްސައިފައެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނަޑައަޅާފައިވާއިރު، މިއީ މިދިޔަ އަހަރު އެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *