ބަންގްލަދޭޝް އިން ރާއްޖެ މަގުން އަންނައުނު އެކްސްޕޯޓް ކުރަނީ

ބަންގްލަދޭޝް އިން ރާއްޖެ މަގުން އަންނައުނު އެކްސްޕޯޓް ކުރަނީ

ބަންގްލަދޭޝް އިން އިންޑިއާ މަގުން އަންނައުނު އެކްސްޕޯޓް ކުރުން ހުއްޓާލައި ރާއްޖެ މަގުން އެ ތަކެތި އެކްސްޕޯޓް ކުރަން ނިންމައިފިއެވެ.

ބަންގަލަދޭޝްއަކީ ދުނިޔޭގައި ދެވަނައަށް އަންނައުނު އުފައްދާ ގައުމުކަމަށްވާއިރު އެ ގައުމުގެ ކުންފުނިތަކުން އެގޮތަށް ނިންމީ އިންޑިއާގެ އެއާޕޯޓުތަކާއި ބަނދަރުތައް މެދުވެރިކޮށް އެކްސްޕޯޓް ކުރާ ނަމަ، ލިބޭ އާމްދަނީއަށް އަސަރު ކުރަން ފެށުމާ ގުޅިގެންނެވެ.

"ކުރިން އިންޑިއާގެ އެއާޕޯޓްތަކުގެ ތެރެއިން ބަންގްލަދޭޝްގެ މުދާ ފޮނުވަމުން ދިޔަ ނަމަވެސް މިހާރު އެމީހުން ގެންދަނީ އެހެން ތަންތަނުން ޝިޕްމަންޓްތައް ރީރޫޓް ކުރަމުން. މި ބަދަލުގެ މާނައަކީ އިންޑިއާގެ އެއާޕޯޓްތަކާއި ބަނދަރުތަކަށް ކުރިން މި ކާގޯތައް ބެލެހެއްޓުމުން ލިބުނު އާމްދަނީ ގެއްލޭ،" މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) އެޖެންސީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ދީޕަކް ޓިވާރީ ވިދާޅުވިއެވެ.

އެމްއެސްސީއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރު ޝިޕިން ކުންފުންޏެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ އަންނައުނު ކަނޑުމަގުން ރާއްޖެ ގެނައުމަށް ފަހު، އެއާކާގޯ މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކަށް އެކްސްޕޯޓް ކުރުމަށެވެ. އޭގެ ތެރޭގައި ޒާރާ އާއި އެޗް އެންޑް އެމް ބްރޭންޑްގެ އަންނައުނު ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބަންގްލަދޭޝްގެ ކުންފުނިތަކުން މި މަގު އިހްތިޔާރު ކުރަން ފެށުމަކީ އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ހީނަރުވެ، އިންޑިއާގެ އެހީގައި ބަންގްލަދޭޝްގައި ކުރިއަށްދާ މަޝްރޫއުތައް މަޑުޖެހިގެންދާނެ ކަމެކެވެ. އަދި ހަމައެއާއެކު، އިންޑިއާގެ ބަނދަރުންނާއި ޓްރާންސިޓް ފީން ލިބޭ އާމްދަނީ މަދުވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.

އިންޑިއާ އިން ބަންގްލަދޭޝް އާ ވާހަކަ ދައްކައިގެން މިކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތެއް ފޯރުކޮށްދޭއިރު، އެ ހިދުމަތުގެ ސަބަބުން ކަނޑުމަގުން މުދާ ރާއްޖެ ގެނައުމަށް ފަހު އެއާކާގޯ މެދުވެރިކޮށް ދުނިޔޭގެ މަންޒިލްތަކަށް ގެންދެވޭނެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *