ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
ކަސްޓަމުން ވިދާޅުވި ގޮތުގައި މި ތަކެތި އަތުލައިގެންފައި ވަނީ އެއާފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުންނެވެ.
ކަސްޓަމުން ވިދާޅުވީ މިދިޔަ ބުދަ ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކުން ރާއްޖެ ގެނައި އެއާފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، އެ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން، ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ތަފާތު ދެ ބާވަތެއް ކަމަށްވާ ކެތިނޯން (416 ގްރާމް) އަދި ކެނެބިސް (5،520 ގްރާމަށް ފައްސިވެފައިވާ ކަމަށެވެ.
މި ތަކެތީގެ މަގުމަތީގެ އަގަކީ 3.3 މިލިއަން ރުފިޔާ ކަމަށް ކަސްޓަމުން ލަފާ ކުރެއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ 45 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

