ހައްޖާއި އުމްރާގެ ހިދުމަތް ދޭ ކުންފުނިތަކުން އެ ހިދުމަތް ދެއްވަންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމަ އާއި ސަވާބު އިސްކޮށްގެންކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ފުރަތަމަ ހައްޖު، އުމްރާ ކޮންފަރަންސް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހައްޖާއި އުމްރާގެ ހިދުމަތްތެރީން އެއް ފުރާޅެއްގެ ދަށުގައި މަޝްވަރާކުރުމަށް ބާއްވާ އެ ކޮންފަރަންސްގެ އިފްތިތާހީ ޖަލްސާގައި އެމަނިކުފާނު ވަނީ، މިއަދު ދިވެހިރާއްޖޭގައި އެފަދަ ކޮންފަރަންސެއް ބޭއްވޭކަމީ، އެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.
"ހައްޖާއި އުމްރާއާ ގުޅިފައިވާ އިންތިޒާމުތައް ހަމަޖައްސައި ވީހާވެސް ލުއިފަސޭހަކޮށް، ފެންވަރު ރަނގަޅު ހިދުމަތްތައް ފަހިކޮށްދެއްވުމަށް ރައީސް މުއިއްޒު އަހައްމިއްޔަތުގެ ދެއްވާ." ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު ފަށާ ކޮންފަރަންސްގެ ނިންމުންތަކުގެ އަލީގައި، ހައްޖާއި އުމްރާގެ ހިދުމަތުގެ ދާއިރާ ފުޅާވެ މުޅި ނިޒާމު ފުރިހަމަވެގެންދާނޭ ކަމަށް ޔަގީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހައްޖުވެރިންގެ ފައިސާއަށް ރައްކާތެރިވެ، ހައްޖު ފަންޑު ތަރައްގީކޮށް ދިރުވުމަށް އައު ވިސްނުންތަކެއް ވިސްނައި، ހައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހަގީގަތަކަށް ވެގެންދާނޭކަމަށް އުއްމީދުކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ހައްޖު އުމްރާ ކޮންފަރެންސް ރާވާލާފައިވަނީ ހައްޖާއި އުމްރާއާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ހައްޖާއި އުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

