ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި / ސަލްވާ، އާއިޝަތު ޝިޒުނީ (25އ) އާއި ސ. ހިތަދޫ / އަތަމާވިލާ، މައުޒޫ މުހައްމަދު (29އ) ކަމަށެވެ.
ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މި މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 500 ރުފިޔާގެ ސައްހަ ނޫން 24 ނޫޓު ފެނިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.
ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން، ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް އެދިފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް އެދިފައިވެއެވެ.

