ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހެޔޮ އަގުގައި ޙައްޖާއި ޢުމްރާގެ ޢަޅުކަން އަދާކުރެވޭނެ މަގު ތަނަސްކޮށްދެއްވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ކޮންފަރެންސްއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖެއިން މީހުން ޙައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސްއެއްކަމަށެވެ
ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޙައްޖު އަދި ޢުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭކަމަށް ޤަބޫލްކުރައްވާކަމަށާއި މިކަން އެންމެ ފުރިހަމައަށް ކުރެއްވޭނީ ޢުމްރާ އަދި ޙައްޖު ޤުރޫޕުތަކަށްކަމަށެވެ. ވަޒީރު ވިދާޅުވީ، ޢުމްރާ ގްރޫޕުތަކުން މިހާރު އާއްމުކޮށް ހަދާފައިވާ ޕެކޭޖުތަކުގެ ބަދަލުގައި ޕެކޭޖުތަކަށް ބަދަލުތަކެއް ގެނައުމަކީވެސް، ހާއްސަކޮށް ޒުވާނުންނަށް އަގުހެޔޮ ޕެކޭޖުތައް އުފެއްދުމަކީ ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށެވެ. ވަޒީރު ވިދާޅުވީ، ޢިލްމީ އަދި ތަރުބަވީ މަޢުލޫމާތުތަކެއް ދަތުރުތަކުން ލިބޭނެ ފަދަ ގޮތަކަށްވެސް ޕެކޭޖުތަކަށް ބަދަލުތައް ގެނައުމަކީ މުހިއްމުކަމެއް ކަމަށް ދެކިލައްވާކަމަށެވެ.
ރާއްޖެ އިން އާއްމުކޮށް މިހާރު އުމްރާއަށް ގެންދާ ޕެކޭޖްތަކުގައި، ކޮންމެ މީހަކަށް ނުދެވިދާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 20،000ރ. އަށް ނުވަތަ 15،000ރ. އަށް ލިބޭ ޕެކޭޖުތަކެއް ތައާރާފް ކޮށްފި ނަމަ ދެވޭނެ މީހުން އުޅޭނެ ކަމަށެވެ.
"އަދި ޒުވާނުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އެކިއެކި ފަރާތްތަކަށް އަގުހެޔޮ ޕެކޭޖުތައް ތައާރަފް ކުރުން….އަޒީޒިއްޔާގައި ތިބޭ ގޮތަށް ހުޅުވާލާ ޕެކޭޖުތައް އަގުހެޔޮވާނެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން ބާރުގަދަ ޒުވާނުންނަށް ބަހުގައި ފަސް ނަމާދަށް އާދެވޭނެ. ހުރިހާ ނަމާދަކަށް ހަރަމްފުޅަށް ދެވޭނެ،" ޝަހީމް ވިދާޅުވި އެވެ.
މި ކޮންފަރެންސް ރާވާލާފައިވަނީ ޙައްޖާއި ޢުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

