އިންޑިއަން ނޭވީއާ ގުޅިގެން އެމްއެންޑީއެފުން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއެންޑީއެފުން ހިންގާ ތަމްރީނު ޕްރޮގްރާމް "އެކްސަސައިޒް އެކަތަ 2024″، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މިހާރު ވަނީ ފަށާފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނާ ގޮތުން މި ތަމްރީނު ޕްރޮގްރާމަކީ ދެގައުމުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ އިތުރަށް ގުޅުން ބަދަހިކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށެވެ.
މިއީ އިންޑިއާ ނޭވީއާ ގުޅިގެން އެމްއެންޑީއެފުން މި އެކްސަސައިޒް ކުރިއަށްގެންދާ 7 ވަނަ ފަހަރެވެ. މީގެކުރިންވެސް އިންޑިއަން ނޭވީއާ ގުޅިގެން އެމްއެންޑީއެފުން ވަނީ ސިފައިން ތަމްރީނުކޮށްފައެވެ.
އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ތަފާތު އެކި ގައުމުތަކާއި ގުޅިގެން އަންނަނީ ތަމްރީނުތައް ހިންގަމުން އަންނައިރު، މި ހަރަކާތް ކުރިއަށް ގެންދާ މުއްދަތަކާއި އަދި ހަރަކާތް ކުރިއަށްގެންދާ ސަރަހައްދެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ޖޫން މަހުގައި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ސެންޓްރަލް އޭރިއާ ކޮމާންޑްގައި "އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް" ތަމްރީނު ޕްރޮގްރާމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މި އެކްސަސައިޒުތަކަކީ، އެމްއެންޑީއެފްގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ.

