ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން އިސްލާމްދީނާއި ގައުމަށް ލިބޭނެ އެއްވެސް ކާމިޔާބީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމީ އުސޫލުތަކާއި ހިލާފު ރީތީގެ މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށް އެ މުބާރާތުގައި ބައިވެރިވުމަށް ދިވެއްސަކު މަސައްކަތް ކުރަމުންދާކަމަށް މީޑިޔާގައި ދައުރުވަމުންދާ ހިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކު ވިޔަސް ފިރިހެނަކު ވިޔަސް ހަށިގަނޑުގެ ވަނާތަކާއި ފުރިހަމަކަން ހާމަކޮށްގެން ލިބޭނެ އެއްވެސް ކާމިޔާބީއެއް ނެތް ކަމަށާއި ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށެވެ.
"ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޓުވީޓުގައި އެމަނިކުފާނު ވަނީ އިސްރާ ސޫރަތުގެ 81 ވަނަ އާޔަތާއި އޭގެ މާނަވެސް ޕޯސްޓުކޮށްފައެވެ.
މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ ފަރާތުން މަރިޔަމް ޝައިނާ ނަސީމު ބައިވެރިވާ ހަބަރު ފެތުރިގެން ދިޔުމާއެކު ސޯޝަލް މީޑިޔާގައި މިކަމާއި ގުޅިގެން ތަފާތު ހިޔާލުތައް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނަމުންދަނީ މިއީ އިސްލާމްދީނާއި ޚިލާފު ކަމެއް ކަމަށާއި އެ މުބާރާތުގައި އައުރަ ހާމަކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ މުސްލިމު ގައުމަކަށްވާއިރު ރާއްޖެ ނިސްބަތްވާ ގޮތަށް މިފަދަ މުބާރާތެއްގައި ވާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދަނީ ބުނަމުންނެވެ.
ނަމަވެސް ދަ ޑިމޮކްރެޓްސް ޕާޓީން ޝައިނާއަށް މަރުހަބާ ކިޔާފައިވާއިރު، ބައެއް މީހުން ބުނަނީ ޖިންސީ ތަފާތު ކުރުމެއް ކަމަށެވެ. އެގޮތުން މިސްޓަރ މޯލްޑިވްސްގައި ފިރިހެނުން އައުރަ ހާމަވާ ގޮތަށް ނިވާކަންކުޑަކޮށް ތިބޭއިރު އެކަމަށް އެއްޗެއް ބުނާނެ މީހަކު ރާއްޖޭގައި ނެތް ކަމަށާއި އަންހެނަކު މުބާރާތެއްގައި ބައިވެރިވާތީ އެކަމާ ނުރުހުން ފާޅުކުރުމަކީ ޖިންސީ ތަފާތު ކުރުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

