ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުން އަންނަ ޓީޖީއެސްޓީ %17 އަށް ބޮޑުކުރަން އަދި ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގާ އަދަދު 12 ޑޮލަރާ ހަމައަށް ބޮޑުކުރުމަށް މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ދެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގްރީން ޓެކްސް ބޮޑު ކުރުމަށް މަޖިލީހަށް އެ ބިލް ހުށަހަޅުއްވައި ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. އެ ބިލް މަޖިލީހުގެ މާލިއްޔަތު އަދި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކުރުމަށްފަހު ރިޕޯޓް ވަނީ މުޅި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާފައެވެ.
ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. އެ ބިލް މަޖިލީހުގެ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކުރުމަށްފަހު ރިޕޯޓް ވަނީ މުޅި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅައިފައެވެ.
އެ ކޮމިޓީން ވަނީ މިއަދު އެ ދެ ބިލް ފާސްކުރުމަށް ވޯޓަށް އަހައިފައެވެ. ޓީޖީިއެސްޓީ ބޮޑުކުރާ ބިލް ފާސްކުރުމަށް ފެންނަ ކަމަށް 68 މެމްބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 10 މެމްބަރުން ވޯޓުދެއްވާފައިވެއެވެ. ގްރީން ޓެކްސް ބޮޑުކުރާ ބިލް ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 67 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 11 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
ޓޫރިޒަމްގެ ގާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ހަ ޑޮލަރު ނަގައެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ނަގަމުން އަންނަނީ ބޮލަކަށް ތިން ޑޮލަރެވެ.
ބިލްގައި ވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.
އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން ގްރީން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ..

