މަޖިލިސް -

އެއާޕޯޓު ޓެކްސް ބޮޑުކުރަން ކޮމިޓީއިން ފާސްކޮށްފި

އެއާޕޯޓު ޓެކްސް ބޮޑުކުރަން ކޮމިޓީއިން ފާސްކޮށްފި

ރާއްޖޭގެ އެއާޕޯޓަކުން ބޭރު ގައުމަކަށް ފުރާ ކޮންމެ މީހުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފިއެވެ.

އެ ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަސަދުﷲ ޝިހާބު ހުށަހެޅުއްވި ބިލެކެވެ. މާލިއްޔަތު އަދި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން އެ ބިލް ދިރާސާ ކުރުމަށް ފަހު ރިޕޯޓް ވަނީ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާފައެވެ. އެ ރިޕޯޓާ މެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ވޯޓަށް އަހާފައެވެ.

އެގޮތުން އެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް ކޮމިޓީގެ 67 މެންބަރު ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސްއަށް ގެންނަ ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހީންގެ އަތުން ނަގަން މިހާރު ކަނޑައަޅާފައިވާ އަގަށް ބަދަލެއް ނާންނާނެއެވެ. އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން މިހާރު ވެސް ނަގާނީ ކޮންމެ ފަސިންޖަރަކަށް ޑިޕާޗާ ޓެކްސްއަށް 12 ޑޮލަރާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 12 ޑޮލަރެވެ. އެކަމަކު، ބިލް މިހާރު އޮތީ ބިޒްނަސް ކްލާހުން ފެށިގެން މަތިން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސް ބޮޑުވާ ގޮތަށެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި މިހާރު ނަގާ އަދަދުތައް:

އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 30 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 60 ޑޮލަރު، ބިދޭސީން 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު، ބިދޭސީން 90 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު

ސަރުކާރުން ގެންނަން ބޭނުންވާ ބަދަލު: (އަންނަ ޑިސެމްބަރު 1 އިން ފެށިގެން)

އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު، ބިދޭސީން 240 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު، ބިދޭސީން 480 ޑޮލަރު

އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާރު ނަގާ އަދަދުތައް:

އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 30 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 60 ޑޮލަރު، ބިދޭސީން 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު، ބިދޭސީން 90 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު

ސަރުކާރުން ގެންނަން ބޭނުންވާ ބަދަލު: (އަންނަ ޑިސެމްބަރު 1 އިން ފެށިގެން)

އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު، ބިދޭސީން 240 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު، ބިދޭސީން 480 ޑޮލަރު

މި އަދަދުތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 762.5 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި 2026 ވަނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 895.7 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 964 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރު 944.6 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *