"ކުރަނގި": 8،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

"ކުރަނގި": 8،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް މިދިޔަ މެއި މަހު ފެށި އޮޕަރޭޝަން "ކުރަނގި"ގެ ދަށުން 8،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިހާތަނަށް 96 ރަށެއްގައި ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އަދި 21 ރަށެއްގައި އެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އޮޕަރޭޝަންގެ ސްޕީޑް އަވަސް ކަމަށާއި މިހާތަނަށް 8،385 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓްކުރީ އަންނަ އަހަރުގެ އޭޕްރިލަށް މި މަސައްކަތް ނިންމާލަން. މާތް ﷲގެ އިރާދަފުޅާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މިހާރު މިފެންނަ ގޮތުންނަމަ މި މަސައްކަތް ނިންމާލެވޭނެ،" އިހުސާން ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އަންނަ މަހު ތެރޭގައި "ކުރަނގި" އޮޕަރޭޝަން ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި މީގެ އިތުރުން ރަށްރަށުގައި ތިބި ބިދޭސީންގެ ހޯދަން ހިންގާ ރެއިޑްތަކަށް ބޭނުންވާ ބަޖެޓް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތެރެއިން އިމިގްރޭޝަން ބަޖެޓުގެ ތެރޭގައި ހިމަނަން ނިންމާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި، ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް ބިދޭސީއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް އިހުސާން ވަނީ ކުރިން ވިދާޅުވެފަ އެވެ. ތިން އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަން ނިމޭއިރު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މުޅިން ވެސް ތިބޭނީ 100 ޕަސެންޓް ވެރިފައި ކުރެވިފައިވާ ބިދޭސީން ކަމަށް ހެދުމެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *