ހޯމް މިނިސްޓަރ އިހުސާން - ފޮޓޯ: ދަ އެޑިޝަން

އެސްޕެޓް ސިސްޓަމެއް ހެދުމަށް ބެސްޓިނެޓްއާ އަލުން ހަވާލުކުރީ ފައިދާވާ ގޮތަށް – ވަޒީރު

އެސްޕެޓް ސިސްޓަމެއް ހެދުމަށް ބެސްޓިނެޓްއާ އަލުން ހަވާލުކުރީ ފައިދާވާ ގޮތަށް – ވަޒީރު

މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެސްޕެޓް ސިސްޓަމެއް ހެދުމަށް އަލުން ހަވާލުކުރީ ކުރިއަށް ވުރެ ބޮޑަށް ދައުލަތަށް ފައިދާ ލިބޭ ގޮތަށް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ، އެ ކުންފުންޏާއެކު ކުރިން ހެދި އެއްބަސްވުން އުވާލުމުން ބަދަލު ހޯދުމަށް ހުށަހަޅާފައިވަނިކޮށް ސަރުކާރުން ބެސްޓިނެޓާއެކު އަލުން އެއްބަސްވުމެއް ހެދީ ކިހިނެތްތޯ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އިހުސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މެލޭޝިޔާގެ ބެސްޓިނެޓް ކުންފުނިން އޮތީ ކުރީގެ ސަރުކާރުތަކާއެކު އަށް ސިޓީ ބަދަލުކޮށްފައި ކަމަށެވެ. އަދި އެބޭފުޅުންގެ ލޯ ފާމްތަކުން ހަތަރު ފަހަރު ވަކިން ދިވެހި ދައުލަތުން ބަދަލު ހޯދުމަށް ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެގެން ބެލިބެލުމުން ފެނުނީ މިދިޔަ ސަރުކާރުގެ އެޓާނީޖެނަރަލް މިކަމުގެ ބަދަލު ދިނުމުގެ މަރުހަލާ ފެއްޓުމަށް ލަފާފުޅުދެއްވާފައިވާކަން. ހަމައެއާއެކު އޭރުގެ ރައީސް އޮފީހުގެ ސިޓީއެއް އެބައޮތް މިކަމާ މެދު ބަދަލު ދިނުމުގެ މަރުހަލާއަށް ދާންޖެހިދާނެ ކަމަށް. އެގޮތަށް އަމަލު ކުރުމަށް އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ފޮނުވާފައި." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުން ހެދީ "ހަމަ ތަނަކު ކުންފުންޏެއް އޮއްވާ" ހޯދައިގެން ނޫން ކަމަށެވެ. އަދި އެއީ، ދައުލަތަށް އޮބިނޯންނަ ވަރުގެ 15 މިލިއަން ޑޮލަރު ބަދަލެއް ހޯދުމަށް އެ ކުންފުނިން ދައުވާކޮށްފައިވާތީ ކަމަށް ވިދާޅުވިއެވެ.

"މިހާރު އެ ކުންފުންޏާއެކު ހެދުނު އެއްބަސްވުމުގެ ދަށުން ކުރީގައި ދައުލަތަށް ވަންނަމުން އައީ 600 މިލިއަން ރުފިޔާ. މިހާރު ވަންނާނެ 900 މިލިއަން ރުފިޔާ." އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގެ އެކްސްޕެޓް ސިސްޓަމް ހަދައި ހިންގަން ހަވާލުކުރާ ކުންފުންޏަކީ މެލޭޝިއާގައި ވަޒީފާ އަދާކުރާ އެހެން ގައުމުތަކުގެ މީހުންގެ ކަންކަން ބަލަހައްޓާ އޮންލައިން ސިސްޓެމް ހެދި ކުންފުންޏެވެ. މި ސިސްޓަމް އަންނަ ފެބްރުއަރީ މަހުން ފެށިގެން ބޭނުންކުރެވޭނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *