ހަޤީގަތާއި ޚިލާފަށް މައުލޫމާތު ފަތުރައި މީހުންގެ އަނބުރު ކަތިލަމުންދާ ވެބްސައިޓުތައް ބްލޮކްކޮށް އެ ކަމަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)އިން ވިދާޅުވެއްޖެއެވެ.
އެމްއެމްސީއިން މިހެން ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ "ދިޔަވަރު" ނޫހުގައި ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުން އަންނާތީ އެކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވަމުންނެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީނުކޮށް މީޑިއާއެއްގެ ގޮތުގައި ހިންގާ "ދިޔަވަރު" ވެބްސައިޓުން ގިނަ އަދަދަކަށް ހަޤީގަތާއި ޚިލާފު ހަބަރުތައް ފަތުރަމުންދާ ކަމަށާއި ވަކިވަކި ފަރުދުންގެ އަބުރު ކަތިލާ ގޮތަށް ލިޔުންތައް ޝާއިއުކުރަމުން އަންނަ ކަމުގެ ގިނަ ޝަކުވާތައް އެ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.
އެގޮތުން މިއަހަރުތެރޭގައި މީޑިއާ ކައުންސިލަށް 77 ޝަކުވާ ލިބިފައިވާއިރު އޭގެތެރެއިން 63 މައްސަލައަކީ "ދިޔަވަރު" ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކެއް ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެެވެ. ކައުންސިލުން ބެލިބެލުމުން އެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ޤާނޫނާއި ޤަވައިދާ މީޑިއާތަކުން އަމަލުކުރަންޖެހޭ އަޚުލާޤީ މިންގަނޑާއި ޚިލާފު ލިޔުންތަކެއްކަން ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ކޮންޓެންޓު ފެތުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ އާއި ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރާ ވެބްސައިޓުތަކާއި ދެކޮޅަށް ފިޔަވަޅު އަޅައި އެ ވެބްސައިޓުތައް ބްލޮކް ކުރާނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން "ދިޔަވަރު ވެބްސައިޓުން ގެނެސްދޭ ލިޔުންތަކުގެ މަސްދަރު ބަލައި ވެރިފައިކޮށްފައިނުވާކަން މީޑިއާ ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ހައްލު ކުރުމަށް ހަގީގަތާ ހިލާފް ހަބަރު ފަތުރާ ނަމަ އެފަދަ ފަރާތްތަކުގެ މައްސަލަތައް އާންމުންގެ ސަމާލު ކަމަށް ގެންނާނެ ކަމަށް އެމްއެމްސީ އިން ވިދާޅުވިއެވެ.

