ސިޔާސީ މުވައްޒަފުންގެ މުސާރައަކީ މުޅި ދައުލަތުގެ ހަރަދުގެ އެއް އިންސައްތަ – ވަޒީރު

ސިޔާސީ މުވައްޒަފުންގެ މުސާރައަކީ މުޅި ދައުލަތުގެ ހަރަދުގެ އެއް އިންސައްތަ – ވަޒީރު

ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދު ކުރަނީ މުޅި ދައުލަތުގެ ހަރަދުގެ އެއް އިންސައްތަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅައިދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ރޭ އިއުލާނުކުރެއްވި ސިޔާސީ މަގާމުތަކުގައ ތިއްބެވި ފަރާތްތަކާއި ބައެއް މުވައްސަސާތަކުގެ ވެރިންނާއި ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދަށްކުރަން ނިންމާފައިވާ ނިންމުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅިފައިވާ ފިޔަވަޅެއް ކަމަށެވެ.

"ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންވަރުޑުގެ ހަތަރު އިންސައްތައަށް ވުރެ ދަށް އަދަދެއް. އަދި މުޅި ދައުލަތުގެ ހަރަދުގެ އެއް އިންސައްތަ." ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރައަށް އެ ބަދަލު ގެނައީ ފިޒްކަލް ދެމެހެއްޓެނެވި ކަންކަން އިޔާދަކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެ ކުޑަ ނަމަވެސް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި ކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުންފުނިތައް ފައިދާވާ ކުންފުނިތަކަށް ހަދައި، ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކުންފުނިތަކުގެ ސްޓްރަކްޗާ ބަދަލުކޮށް، އުވާލަންޖެހޭ ކުންފުނިތައް ފާހަގަކޮށް އެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ސިޔާސީ ބޭފުޅުންނާއި މުސާރަ ބޮޑުކޮށް ތިބި ސަރުކާރު ކުންފުނިތަކުގެ ބޭފުޅުންނާއި މަޖިލީސް މެންބަރުން ހިމެނޭހެން ގިނަ ބައެއްގެ މުސާރަ ކުޑަކުރަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.

ރައީސް ރޭ ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވެއެވެ.

މިގޮތުން ރައީސް ވަނީ މުސާރައާއި ގުޅޭ ގޮތުން ގިނަ ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމަވާފައެވެ. އެ ފިޔަވަޅުތަކަކީ:

  • ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
  • ‏މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ‏ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާެއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސް މިހާރު ވެސް މާލީ ދާއިރާގެ ތެރެއިން އިސްލާހީ ބޮޑެތި ބަދަލުތަކެއް އިއުލާންކުރައްވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *