ތިމާވެއްޓާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު ރެފްރިޖްރޭޝަން އަދި އޭސީ ޓެކްނީޝަނުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ތިން އަހަރު ދުވަހުގެ މި އެއްބަސްވުމަކީ ރެފްރިޖިރޭޝަން އެންޑް އެއާކޮންޑިޝަނިން (އާރްއޭސީ) ދާއިރާއިން ކުރިއެރުމަށް ޝައުގުވެރިވާ ޒުވާނުންނަށް، އެ ދާއިރާއިން ތަމްރީނުވެ، ރަސްމީ ސަނަދަކާއި ލައިސަންސެއް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ އަމާޒަކީ އޭސީ ފަދަ ތަކެތި މަރާތުކުރުމާއި މިދަފަ ތަކެތި ބޭނުންކުރުމުގައި ތިމާވެއްޓަށް ފައިދާ ހުރި އުފެއްދުންތެރި ގޮތްތަށް ހޯދައި، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ދަމަހައްޓާނެ ޒުވާނުން ބިނާކުރުމެވެ.
މި އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ފަރާތުން ތޯރިގް އިބްރާހިމް ވަނީ ސޮއިކުރައްވައިފައެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޛޫޝާން ކަމާލުއްދީނެވެ.
މިފަދަ އެއްބަސްވުންތަކަކީ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާ އެކި ދާއިރާތަކުން ޒުވާނުންނަށް ރަސްމީ ލައިސަންސް އަދި ރަސްމީ ސަނަދު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައި، އެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކުރުމެވެ.

