ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.
ސިއްހީ ވުޒާރާއިން ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާ ގުޅިގެން މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގައި ބަޔާންކުރާ ހައްގުތަކާއި ޒިންމާތަށް ކަށަވަރުކުރުމުގެ ގޮތުން އެ ގާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ގަވައިދުތަކުގެ ތެރެއިން "ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ގަވައިދު" އަދި "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތް ކުރުމާބެހޭ ގަވައިދު" އެކުލަވާލުމާ ގުޅޭގޮތުން ކަމަށެވެ.
"ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާ ކުރުމާބެހޭ ގަވައިދު" އަކީ ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު ގެ 37 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ގަވައިދެއް ކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވިއެވެ.
އަދި އެ ގަވައިދުގެ މައިގަނޑު މަގްސަދަކީ ގާނޫނާ ހިލާފަށް އެކި ގޮތްގޮތުން ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރިއާއި ދުންފަތުގެ އިސްތިއުމާލުކުރުން ޕްރޮމޯޓް ކޮށް އިޝްތިހާރު ކުރުމަށް ކުރަމުންދާ ކަންކަން ހުއްޓުވައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކޮށް، އާންމު ސިއްހަތު ރައްކާތެރި ކުރުން ކަމަށް ސިއްހީ ވުޒާރާ އިން ވިދާޅުވިއެވެ.
ސިއްހީ ވުޒާރާއިން ވިދާޅުވީ "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތް ކުރުމާބެހޭ ގަވައިދު" އަކީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ވިޔަފާރި ތަކުން އަމަލުކުރަންޖެހޭނެކަމަށް ގާނޫނުގައި ކަނޑައަޅާފައިވާކަންތައް ތަންފީޒުކޮށް ދުންފަތުގެ ސަޕްލައި ކޮންޓްރޯލްކޮށް އަދި ވިޔަފާރީގެ އަމަލުތައް މޮނިޓާ ކުރެވޭނެ އުސޫލުތަށް ކަނޑައަޅައި ބަޔާންކުރުން ކަމަށެވެ.
އެ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، އެ ގަވައިދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުގެ ކުރިން، އެކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި މަސްލަހަތު ހިމެނޭ އެހެނިހެން ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ އިތުރުން، ގަވައިދު އިތުރަށް ފުރިހަމަ ކުރުމަށާއި ތަންފީޒު ކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަކީވެސް އެ ބައްދަލުވުމުގެ މުހިންމު އަމާޒެއް ކަމަށެވެ.
ސިއްހީ ޒުވާރާއިން ވިދާޅުވީ އެ ބައްދަލުވުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން ގާތްގަނޑަކަށް 50 ބައިވެރިން ހިއްސާވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

