މަޖިލިސް -

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި

މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހިމަނައި ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވައި ދެއްވެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބަޖެޓް އެކުލަވާލާފައިވަނީ ނިމިދިޔަ ސަރުކާރުން ކަމަށެވެ.

އެ ސަރުކާރުން ބަޖެޓު އެކުލަވާލިއިރު ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަށް އާދަޔާ ހިލާފު ދަށް އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ބަލައި ބަޖެޓުކޮށްފައިވާއިރު އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވޭ. 2023 ގެ ހިސާބުތައް އެކައުންޓްކުރުމުގައި ބޮޑެތި އަދަދުން ފަރަގު އެބަހުރި."މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ސަޕްލިމަންޓުކުރުމަށް ސަރުކާރުގެ ފަރާތުން ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެއް ހުށަހަޅާ ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓްގައި ހިމެނޭ ބައިތައް:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ

މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓްގައި ޕީއެސްއައިޕީ އަށް އެހާ ބޮޑު އަދަދެއް ހިމަނާފައިވަނީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބައެއް ޕްރޮޖެކްޓްތަކަށް ހަރަދު ކުރަން ޖެހުމުން ކަމަށެވެ. އެއީ މި އަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، ގިނަ މަޝްރޫއުތަކަށް ރިއަލިސްޓިކް އަދަދަށް ވުރެ ކުޑަކޮށް ޖަހާފައި އޮތުމުން ދިމާވި މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

"އެސްއޯއީތަކަށް ކުރާ ހޭދަ އިތުރު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ކުންފުނިތަކުން ހިންގާ ބައެއް މަޝްރޫއުތަކަށާއި އަލަށް އުފެއްދި، ޑިވަލޮޕްމެންޓް ބޭންކުގެ އޮޕަރޭޝަންތައް ފަށައިގަތުމަށް ބޭނުންވާ ކެޕިޓަލް ދޫކުރަން 150 މިލިއަން ރުފިޔާ ހަރަދު ކުރުމަށް." މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސަރުކާރުން ދޭ ސްޓޫޑަންޓް ލޯނުގެ ހަރަދު އިތުރުވީ، އެ ސްކީމުގެ ދަށުން ކުރިން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ލޯނު ދޭން ސަރުކާރުން ނިންމާފައިވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ..

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް އަންދާޒާ ކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިންވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އިތުރު 335.3 މިލިއަން ރުފިޔާ، ހިލޭ އެހީގެ ގޮތުގައި އިތުރު 199.3 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންކަމުން އިތުރު 61.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް އަންދާޒާ ކުރެވޭ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *