ރާއްޖޭ އިސްލާމްވި ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ތުރުކީގައި ދިން ނިރުބަވެރި ހަމަލާ ކުށްވެރިކުރައްވައި، ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގައި ދިން ނިރުބަވެރި ހަމަލާ ކުށްވެރިކުރައްވައި، ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގެ ވެރިރަށް އަންކާރާގެ ކައިރީގައި ހުންނަ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކީގައިކަން ހާމަކުރައްވަމުންނެވެ.

އެގައުމުގެ މީޑިއާތަކުން އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރި މަންޒަރުގެ ފުޓޭޖުތަކުން ފެންނަނީ އަންކާރާގެ އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ކަހްރާމަންކަޒާންގެ އެ ސަރަހައްދުގައި ދުމުގެ ބޮޑު ވިލާތަކާއި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ތަނެވެ.

މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ސަރަހައްދުގައި ބަޑީގެ ހަމަލާތަކާއި ބާރު ގަދަ ގޮވުމުގެ އަޑު އިވުނެވެ.

"މި ހަމަލާގައި ތިން މީހަކު މަރުވެ 14 މީހުން ޒަހަމަވެފައިވޭ،" ވަޒީރު އަލީ ޔެރްލިކާޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ރާއްޖެ އިން ތުރުކީއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކީ ވެސް ތުރުކީއަށް ކުރެއްވި ދަތުރުފުޅެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *