ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންނާއި، ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރަތައްވެސް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން މުސާރައާއި ގުޅޭ ގޮތުން ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މަޖިލީސް މެންބަރުންގެ މުސާރަ ބޮޑުކަމުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އަދި މުސާރަ ކުޑަ ކުރަން ގޮވާލާ އަޑުތައްވެސް ގަދަވެފައި ވެއެވެ.
މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައަކީ 42،500 ރުފިޔާއެވެ. ކޮމިޓީ އެލަވަންސްއަށް 20،000 ރުފިޔާ އަދި ލިވިން އެލަވަންސްއަށް 20،000 ރުފިޔާއެވެ. ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެން، މެންބަރަކަށް މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ވެފައި، މެންބަރުންގެ ކެއިން ބުއިމަށާއި، ހެލްތު އިންޝުއަރެންސްއަށާއި، ވައިގެ ދަތުރުފަތުރުތަކަށް ވީއައިޕީ ލޮޖްގެ ޚިދުމަތަށް ބޮޑު ހޭދައެއް ދައުލަތުން ކުރެއެވެ.
ހަރަދު ކުޑަ ކުރަން ރަައީސް މިއަދު އަޅުއްވަން ނިންމާވަފައިވާ ހާއްސަ ފިޔަވަަޅުތަކުގެ ތެރެއިން، ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން ހިމެނެއެވެ.
އަދި މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްވެސް ނިންމާވަފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަދި މާލީ ހާލަތުން އަރައިގަތުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

