ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ނިންމަވައިފިއެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 1،200 ޑޮލަރަށް ބޮޑު ކުރަން ނިންމާވަފައިވާ ކަމަށެވެ.
މި ބަދަލާއި ގުޅިގެން އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ޑޮލަރު ލިބުމުގައި އަދިވެސް ދަތިތަކެއް އެބަހުރި ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތައްވެސް ފާހަގަކުރެވޭ ކަމަށެވެ.
"މިއަދުގެ މި ނިންމެވުމާއެކު ބޭރުގައި ދިރިއުޅެމުންދާ ދަރިވަރުންގެ ބޭނުންތަކަށް އިސްކަން ދީގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ފެނިގެންދާނެ،". އޭނާ ވިދާޅުވިއެެވެ.
މިގޮތުން ޑޮލަރު ލިމިޓް ބޮޑުކުރުމުން އެ މިންވަރު ބޭނުންވާ ދަރިވަރުން، ޕޯޓަލް މެދުވެރިކޮށް ދަރިވަރުން ޖެހޭނީ ރެޖިސްޓަރ ވާށެވެ. އަދި އެކަމަށް ބޭނުންވާ ލިޔުންތައް ހުށަހަޅަންވެސް ޖޭހޭނެއެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލުތައް ލިބޭނީ ރެޖިސްޓްރީ ވުމަށް ފަހުގައި ކަމަށް ބީއެމްއެލް އިން ވިދާޅުވެފައި ވެއެވެ.
"ބީއެމްއެލް އިން ދާނީ ޑޮލަރުގެ ހާލަތު ގާތުން ބަލަމުން، އިތުރު ބަދަލެއް އަންނަ ނަމަ އެކަން ކަސްޓަމަރުންނަށް އަންގާނެ،". ބީއެމްއެލް އިން ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބީއެމްއެލް އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައެވެ.
އަދި މި ބަދަލު ގެންނަން އެއިރު ރައީސް ނިންމެވީ މި އަހަރުގެ ކުރީކޮޅުގައެވެ.
ނަމަވެސް ޑޮލަރު ލިބުމުގައި ދަތިތައް ދިމާވެ، މި ބަދަލު ނުގެނެވި ވަނިކޮށް، ސަރުކާރުން ވަނީ ހާއްސަ ބަދަލުތަކެއް ގެންނަން ފަށައިފައެވެ.
އެގޮތުން ޑޮލަރު ނުލާ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ވިޔަފާރިތަކުން ބޭންްތަކަށް ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ހަދައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދު ގެޒެޓް ކުރިއެވެ.
އެ ގަވާއިދުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ތަފްސީލު ޖެހިގެން އަންނަ މަހު 28 ވަނަ ދުވަހުގެ ކުރިން އޮތޯރިޓީއަށް ހުށަހަޅަން ޖޭހެނެ ކަމަށެވެ.
އަދި މީލާދީ މަހެއްގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ވިއްކާ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ނުވަތަ ޖަމާކުރަން ވާނެ ކަަމަށްވެސް ގަވާއިދުގައި ވެއެވެ. އެ ފައިސާއަކީ އެމެރިކާ ޑޮލަރުން ނުވަތަ އޮތޯރިޓީން ހުއްދަކުރާ އެހެންވެސް ބޭރުފައިސާއެކެވެ.
މީގެ އިތުރުން ބޭންކަށް ބޭރު ފައިސާ ޓްރާންސްފާ ކުރުމަށް ފަހު ނުވަތަ ޖަމާކުރުމަށް ފަހު އޮތޯރިޓީއަށް ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ބޭންކަށް ބޭރު ފައިސާ ޓްރާންސްފާ ކުރުމަށް ފަހު ނުވަތަ ޖަމާކުރުމަށް ފަހު އޮތޯރިޓީއަށް ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

