އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އައިއޭއީގައި ބައިވެރިވުމަށް މެންބަރުންނަށް ފެންނަ ގޮތެއް ނިންމުމަށް ވޯޓަށް އަހާފައެވެ. އައިއޭގައި ބައިވެރިވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެން 61 މެންބަރުންގެ ތާއީދާއިއެކުގައެވެ.
އައިއޭއީއޭގައި ބައިވެރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިމަހުގެ 16 ވަނަ ދުވަހު ވަނީ ރުހުން ދީފައެވެ.
އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. އައިއޭއީއޭގައި ބައިވެރިވުމަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިމަހު 14 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި ބައިވެރިވާންޖެހޭ މުއާހަދާއަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ)ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހި ދައުލަތުން އެއްވެސް އިލްތިޒާމެއް އުފުލަންނުޖެހޭ ބާވަތުގެ އެއްބަސްވުމެއް ކަމަށެވެ.
އައިއޭއީއޭގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ރައީސްއަށް ލަފާ އެރުވެއްވީ ނިއުކްލިއާ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯދުމަށެވެ. އެގޮތުން ކެންސަރަށް ފަރުވާ ދިނުމުގައި ނިއުކްލިއާ މެޑިސިންގެ އެކި ފަރުވާތައް ބޭނުން ކުރާއިރު އެކަމާ ގުޅޭ ބައިނަލްއަގްވާމީ އިދާރާއަކީ އައިއޭއީއެވެ. އައިއޭއީއޭއާ ގުޅުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑިފެންސް މިނިސްޓްރީއެވެ.

