ޝަހީދު ހުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ވަގުތު

11 މަސް ތެރޭ 328 މިލިއަން ރުފިޔާގެ ޑްރަގާއި ރާ އަތުލައިގެންފި

11 މަސް ތެރޭ 328 މިލިއަން ރުފިޔާގެ ޑްރަގާއި ރާ އަތުލައިގެންފި

މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ރާ ހިފަހައްޓާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ރާއްޖޭގައި ގޭންގް ހަދައިގެން ކުށްތައް ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިކޮށް، ރާއްޖޭގެ ގިނަ ޒުވާނުން މަސްތުގައި ޖައްސާފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު އެ ވުޒާރާއާ ހަވާލު ކުރައްވާފައިވާ ކަަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން، މިހާތަނަށް ރަލާއި މަސްތުވާތަކެތި ހިމެނޭ ގޮތަށް 328 މިލިއަަން މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެން މި އަންގާ ދެނީ ރާއްޖޭގެ މަސްތުވާތަކެތީގެ މާހައުލުގައި މިކަން އޮތް ވަރު، އަދި އަޅުގަނޑުމެންގެ އިންޓަސެޕްޝަނުން މިކަން ހިފެހެއްޓެމުންދާ ވަރު،". ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓާގެޓް މި ކުރަނީ ރައީސް މުއިއްޒުގެ މި ދައުރު ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ.

މިގޮތުން ގޭންގާއި މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހަައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ މިހާރު އޮތް ދެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން އިސްލާހުތައް ޑްރާފްޓްކޮށް މިހާރު ވަނީ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުއްވާފައެވެ.

"އަޅުގަނޑަށް އެޓާނީ ޖެނެރަލް އޮފީހުން މައުލޫމާތު ދެއްވަނީ، މި ދައުރު ތެރޭގައި އިރާދަކުރެއްވައިގެން މި ބިލްތައް ގާނޫނަށް ގެނެވޭ ވަރަށް އެ އޮފީހުން މަސައްކަތް ކޮށްދެއްވާނެ ކަމަށް،". ވަޒީރު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވީ، 17 ނޮވެމްބަރު 2023 އިން މި އަހަރުގެ 20 އޮކްޓޯބަރުގެ ނިޔަލަށް 177 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަަމަށެވެ. އަދި 8،300 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު އަތުލައިގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 328 މިލިއަން މިލިއަން ރުފިޔާގެ ތަކެތި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި މުއްދަތުގެ ތެރޭގައި 335 މައްސަލަ ތަހުގީގުކޮށް ނިންމާ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިއިރު، މާލެ އާއި އަތޮޅު ތެރޭގައި 155 އޮޕަރޭޝަން ހިންގިފައިވާ ކަަމަށްވެސް ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަންތަކުގެ ތެރެއިން 12،000 އަށްވުރެ ގިނަ ތަން ފާސް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި، މި އޮޕަރޭޝަންތަކުގައި 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި އުޅޭ ބިދޭސީންގެ ތެރެއިން 145 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލު ކުރެވިފައިވާ ކަމަަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، މިހާތަނަށް މަސްތުވާތަކެތީގެ 62 މައްސަލައެއް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މީގެ ބަރުދަން 114 ކިލޯއަށް އަރާއިރު، މި މައްސަލަތައް ތަހުގީގު ކުރުމަށް މަސްތުވާތަކެތި އަތުލެވުނު ވަގުތުން ފެށިގެން މަސްތުވާތަކެތި ޓެސްޓް ކުރުމަށްފަހު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *