ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓްގެ މަޤާމާ، ހިޒް އެކްސެލެންސީ ލުއޮންގް ކުއޮންގް ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޜ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ވިއެޓްނާމްގެ އައު ރައީސް، މަޤާމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސް މުޢިއްޒު، އެމަނިކުފާނަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާގެ މެސެޖުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ވިއެޓްނާމްގެ ރައީސް ކުއޮންގްއަށް ކާމިޔާބީއާއި ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުން ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

