ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާއަށް ވަޑައިގެންފި

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެޤައުމުގެ ވެރިރަށް އަޕިއާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ނައިބު ރައީސް ސަމޯއާގެ ވެރިރަށް އަޕިއާގެ ފަލެއޯލޯ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވީ ސަމޯއާން މިނިސްޓަރ ފޮރ ޕޮލިސް އެންޑް ޕްރިޒަންސް އޮނަރަބަލް ފައުލޯ ހެރީ ޖެފްރީ ޝުސްޓަރ އާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި، ކްލައިމެޓް އެކްޝަން، ކްލައިމެޓް ފައިނޭންސް ފަދަ ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި، ކޮމަންވެލްތު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންނާއެކު ބައިލެޓްރަލް ބައްދަލުވުންތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މި މަހުގެ 25 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗޯގްމްގެ އެގްޒެކެޓިވް ސެޝަންތަކުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ބައިނަލްއަޤްވާމީ މައިދާނުގައި އިސްކޮށް ޙަރަކާތްތެރިވެ، ބައިނަލްއަޤްވާމީ މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *