އެކި އެކި ކަންކަމުގައި ފުލުހުންނާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތައް މީޑިއާތަކަށް ހާމަ ކުރުމަށް ފުލުހުންގެ އިދާރާއިން ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވީ، އުސޫލެއްގެ ގޮތުން ފުލުހުންނާއި ދެކޮޅަށް ނުވަތަ ފުލުހުންނާއި ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު ހިނގަމުންދާ ގޮތް މީޑިއާތަކަށް ހާމަ ނުކުރާ ކަމަށެވެ.
ނަމަވެސް މިހާރު އެބޭފުޅުންގެ ސިޔާސަތަކީ އެހެން މައްސަލަތަކުގައި މީޑިއާތަކަށް މައުލޫމާތު ދޭ އުސޫލުން ފުލުހުންނާއި ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ވެސް މީޑިއާތަކަށް ހާމަ ކުރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ފުލުހުންނާއި ގުޅޭ ގޮތުން ތަފާތު މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅުނު ކަމުގައި ވީ ނަމަވެސް، އެމައްސަލަތަކަށް ވާގޮތެއް ގިނަ ފަހަރު މީޑިއާއަކަށް ހާމައެއް ނުކުރެވޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މި ސިޔާސަތަކީ މިގޮތަށް އަޅުގަނޑުމެންގެ ތެރޭގައި، ފުލުހުންނާއި ދޭތެރޭ ހުށަހެޅޭ މައްސަލަތައް ވެސް ބަލައި، އެ މައްސަލަތަކުގައި ވާ ގޮތް، އެހެން މައްސަލަތަކުގައި މިދޭ ގޮތަށް މައުލޫމާތު ދިނުން" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އެފަދަ އެކިއެކި މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމައްސަލަތައް ތަހުގީގު ކުރެވި 48 ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. ފިޔަވަޅު އަޅާފައިވާ 48 ފުލުހުންގެ ތެރެއިން 17 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، އެފަދަ މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.

