ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުމަށް ފަޅުރަށެއް ލިބޭ ގޮތް ހެދުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ދަށުން ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައި ވެއެވެ. އެއީ:
- ރ. އިނގުރައިދޫ ކައުންސިލް
- ދ. ކުޑަހުވަދޫ ކައުންސިލް
- މ. އަތޮޅު ކައުންސިލް
- ލ. މާވަށު ކައުންސިލް
މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށައަޅުއްވައިފައިވާ ޕްރޮޕޯސަލްތައް ވަޒަންކުރަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކައުންސިލުތަކަށް ފަޅުރަށެއް ލިބޭ ގޮތް ވުމަކީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިވުމުގެ އިތުރުން، އެ ރަށެއްގެ ރައްޔިތުންގެ އުފާފާގަތި ކަމަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
އަދި އެ 4 ޕްރޮޕޯސަލް އިވެލުއޭޓް ކޮށް ނިމި، މިހާތަނަށް ފަޅުރަށް ހޯދުމަށް އެދުނު 4 ކައުންސިލަށް އަންނަ މަހުގެ ކުރީ ކޮޅު އެ ރަށްތައް ލިބޭ ވަރު ވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.

