މަސްވެރިން ކިރި މަހަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް މި ހަފްތާގެ ތެރޭގައި ޖަމާވާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިއަދު ވިދާޅުވެއްޖެއެވެ.
މިފްކޯއިން ވިދާޅުވީ ސެޕްޓެމްބަރު މަހު 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރި މަހުގެ ޖުމްލަ އަގަކީ 9،155،491.79 ރުފިޔާ ކަމަށެވެ. ސަރުކާރުގެ އެހީތެރިކަމާއެކު އެ ފައިސާ އެއްކޮށް އޮޑިވެރީންނަށް މި ހަފްތާތެރޭ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
އެކުންފުނިން ވިދާޅުވީ ޕެންޑިންގައި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި، މި ހަފްތާގައި ޖަމާކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އަމާޒަކީ މި ހަފްތާގެ ތެރޭގައި އޮޑިވެރީންނަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށްވެސް މިފްކޯއިން ވިދާޅުވި އެވެ.
ޖުމްލަ 331 ދޯންޏަކުން ކިރި މަހަށް 9.1 މިލިޔަން ރުފިޔާ ދޭން ޖެހިފައިވާއިރު، މި މުއްދަތުގައި ފެލިވަރު، ކޫއްޑޫ އަދި އައްޑޫއަށް ކިރާފައިވަނީ އެންމެ 882.32 މެޓްރިކް ޓަނުގެ މަސް ކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން ވިދާޅުވާ ގޮތުގައި ލިބޭ މަދު މަސްކޮޅުން ކުންފުންޏަށް ލިބޭ އާމްދަނީ މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެންނަމަވެސް ފައިސާ ހޯދައިގެން އޮޑިވެރިންނަށް މި ފައިސާ ދިނުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

