ރައްޔިތުންނަށް އުފާ ފާގަތިކަމުގައި ދިރިއުޅެވޭނީ ޓެކްސް ބޮޑު ކޮށްގެން ކަމަށް ގަބޫލްކުރައްވާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުالله ޙިލްމީ ވިދާޅުވެއްޖެ އެވެ.
ޓެކްސްއަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ ރާއްޖޭގެ މި ވަގުތުގެ އިގްތިސޯދަށް ބަލައި އެ ބިލް ވަރަށް މުހިންމު ކަމަށެވެ. ދިވެހިންގެ ޖީބަށް ބުރަނުވާނެ ގޮތަށް އާމްދަނީ އިތުރު ކުރަން ޖެހޭތީ އެ ފަދަ އިސްލާހެއް މުހިއްމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން އާންމު ރައްޔިތު މީހާއަށް އުނދަގޫ ނުވާނެހެން ގްރީން ޓެކްސް ކަހަލަ ޓެކްސް ބޮޑު ކޮށްގެން ލިބޭ އާމްދަނީ ރައްޔިތުންނަށް އުފާފާގަތި ކަން ލިބިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.
ސައުދުالله ވިދާޅުވީ ލިބޭ އެއްޗަކަށް ބަލައިގެން ނޫނީ ހަރަދު ނުކުރުމަށާއި ލޯނު ނުނެގުމަށް ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް މަޝްވަރާދެއްވި ކަމަށެވެ. އަދި އެއީ ދުނިޔޭގެ ކަންތައްތައް ހުންގަ ގޮތުން ހަނގުރާމައެއް ނުވަތަ ވަބާއެއް އަތުވެއްޖެ ކަމުގައި ވަނީނަމަ އޭގެ ނޭދެވޭ އަސަރު ކޮންމެ ގައުމެއްގެ އިގްތިސޯދަށް ވެސް ކުރާނެތީ ކަމަށްވެސް އޭނާގެ ވާހަކަފުޅުގައި ފާހަގަަކުރެއްވިއެވެ. އެގޮތުން ކޮވިޑް ގައި ރާއްޖޭގެ އިގްތިސޯދަށް އަސަރު ކުރި ކަމަށާއި އެހެންކަމުން އެފަދަ ހާލަތަކަށް ގައުމުު ވެއްޓޭ އިރު ދައްކަން ޖެހޭ ލޯނު ބޮޑުވެފައިވެދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން އެއްވެސް ބެލުމެއްނެތި ލޯނު ނަގަމުން ދިޔަކަން ސައުދުﷲ ފާހަގަކުރެއްވިއެވެ.
ސައުދުﷲ ވިދާޅުވީ މި މަސްތެރޭގައި 40 އަކަށް މިލިއަން ޑޮލަރު ލޯނު ދައްކަން ޖެހިފައިވާ ކަން އެނގިފައިވާ ކަމަށެވެ. ހަގީގަތަކީ އެފަދަ ކަމެއް ކުރުމަކީ ރާއްޖެއަށް ކެރި ކުޅަދާނަވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

