ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބްރު ސައުދުالله ހިލްމީގެ ފަރާތުން ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ވެއްދުމަށްޓަކައި 800 އަށްވުރެ ގިނަ ފޯމު ހުށައަޅައިފިއެވެ.
މި ފޯމުތައް މެމްބަރުގެ ފަރާތުން ހަވާލުކޮށްފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރ، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. ފޯމުތައް ހަވާލުކޮށްދެއްވީ މެމްބަރު ސައުދުالله ހިލްމީ އެވެ. ފޯމުތައް ހަވާލުކުރުމުގައި މެމްބަރުގެ އަރިހުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ، އިބްރާހިމް ޝަފްރާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މެމްބަރު ސައުދުالله ގެ ފަރާތުން ހުށައެޅި ފޯމުތަކަކީ ކޮންގްރެސް ޕާޓީގެ މެމްބަރޝިޕް ޑްރައިވް ޝިއާރުގެ ދަށުން އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ފެށި ހަރަކަތަށް އިތުރުވެގެން ދިޔަ ފޯމުތަކެކެވެ. އެގޮތުން ސައުދުاللهގެ ފަރާތުން 804 ފޯމު ހުށައަޅާފައިވެއެވެ.
މިއީ މަޖިލިސް މެމްބަރެއްގެ ފަރާތުން އެއްފަހަރާ އެ ޕާޓީއަށް އިތުރުކުރުމަށް މިހާ ގިނަ ފޯމު ހުށައެޅި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.
ޕީއެންސީގެ ފަރާތުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ ޕާޓީގެ އަމާޒަކީ ރާއްޖޭގެ އެންމެ ގިނަ މެމްބަރު ތިބި ޕަޓީއަށް ހެދުމެވެ. އެގޮތުން އެޕާޓީގެ މެމްބަރުންގެ އަދަދު މިހާރުވެސް 60،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

