ވޭޕް ވިއްކުމާއި ދިނުން މަނާކޮށް، 50،000ރ.ގެ ޖޫރިމަނާއެއް!

ވޭޕް ވިއްކުމާއި ދިނުން މަނާކޮށް، 50،000ރ.ގެ ޖޫރިމަނާއެއް!

ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާއެކު ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ދިނުން މަނާކޮށް، 50،000ރ.ގެ ޖޫރިމަނާއެއް ކުރަން ބިލްގެ ޑްރާފްޓްގައި ހިމަނައިފިއެވެ.

ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި އެކަން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ނިންމަވާފައެވެ.

ރައީސް ޑރ. މުއިއްޒު އިއްޔެ އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.

މި ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާތަކެއް ކުރަމުންދާއިރު، ބައެއް ނޫސްތަކަށް ލިބިފައިވާ އެ ބިލްގެ ޑްރާޓްގައި ބުނެފައި ވަނީ، އިލެކްޓްރޯނިކް ސިގިރެޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ކުޑަކުދިންނަށް ވިއްކުމަކީ ނުވަތަ ދިނުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެފަދަ އާލާތްތަކާއި އޭގެ ބައިބައި ކުޑަކުދިންނަށް ވިއްކުން ނުވަތަ ދިނުން މަނާކުރުމާއެކު އެފަދަ އަމަލެއް ކުރާ މީހަކު 50,000ރ ޖޫރިމަނާކުރެވޭނެ ކަމަށް ޑްރާފްޓްގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރުން އެ އިސްލާހްތަކުގައި ބުނެފައި ވަނީ އިލެކްޓްރޯނިކް ސިގިރެޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި ހިލޭ ބެހުމާއި ގެންގުޅުމާއި ބޭނުން ކުރުން މަނާ ވާނެ ކަމަށެވެ.

އެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި އެފަދަ އެއްޗެއް ބޭނުންކޮށްފި މީހަކު 5,000ރ އިން ޖޫރިމަނާކުރުން ހިމެނެއެވެ.

އަދި އެފަދަ އެއްޗެއް ވިއްކައިފި މީހަކު ނުވަތަ ހިލޭ ބަހައިފި މީހަކު، އެ ވިއްކި ނުވަތަ ހިލޭ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20,000ރ (ވިހި ހާސް ރުފިޔާ) އިން ޖޫރިމަނާކުރެވޭނެ ކަަމަށްވެސް ބުނެފައި ވެއެވެ.

މިއީ އަދި ބިލްގެ ޑްރާފްޓެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި މިހާރު ލިބިފައި ހުރި އަދަދުތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *