ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރަން ރައީސް ނިންމަވައިފި

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރަން ރައީސް ނިންމަވައިފި

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އެ މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް %50 މަތި ކުރަންވެސް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ނިންމެވުމާއެކު ސިނގިރޭޓްގެ އަގު އަނެއްކާވެސް ބޮޑުވެގެން ދާނެއެވެ.

މީގެ ކުރިން ސިނގިރޭޓްގެ އަގު ބޮޑު ކުރީ 2020 ގައެވެ. އެއީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައި އިސްލާހާއި އެކުގައެވެ. މިއާއެކު ސިނގިރެޓް ފޮއްޓެއްގެ އަގު 100 އަށް ޖެހިލިއެވެ.

އޭގެ ކުރިން ރާއްޖެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައި ވަނީ 2017ގައެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ. މިއާއެކު އެމަނިކުފާނަށް ގިނަބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *