ޓީޖީއެސްޓީ ބޮޑުކުރާ ބިލްގެ ބަހުސް އެއް ދުވަހުން ނިންމާލައި އެ ބިލް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާލައިފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުން އަންނަ ޓީޖީއެސްޓީ %17 އަށް ބޮޑުކުރަން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިއްޔެއެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. އެ ބިލްގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދު ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވާފައިވަނީ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން 15 ވަރަކަށް މެންބަރުންނެވެ. ބަހުސް ކުރިއަށްދިޔައީ ދޮޅު ގަޑިއެއްހާއިރަށެވެ.
އެ ބިލް މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެވުމުން ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ 52 މެންބަރުންނެވެ. އަދި ބަލައިގަތުމަށް ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓުދެއްވާފައިވެއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްދެވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
މަޖިލީހުގެ ރިސާޔަތުން ވަނީ އެ ބިލް މަޖިލީހުން ބަލައިގަތުމާއި ގުޅިގެން ދިރާސާ ކުރުމުގެ މަރުހަލާއަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ އެ ބިލް ހުށަހެޅުއްވި ބޭނުމަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކްސް މިންވަރު އިތުރު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
ޓީޖީއެސްޓީގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން މިހާރު ޓެކްސްގެ ގޮތުގައި ނަގަމުން އަންނަނީ %16 އެވެ. އިސްލާހުގައިވާ ގޮތުން އެ އަދަދު ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަން ފަށާނީ %17 އެވެ.
އެ ބިލަށް ގެންނަ އިސްލާހުތަކާއެކުގައި މީގެކުރިން ހަދާފައި ހުރި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ބިލަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ބިލްގައިވެއެވެ.

