ގދ.ތިނަދޫ

ތިނަދޫގައި ގޯތިތައް ލާޖެއްސުމަށް ހުއްދަދީ ހަރުކަށި އުސޫލެއް ހަދައިފި

ތިނަދޫގައި ގޯތިތައް ލާޖެއްސުމަށް ހުއްދަދީ ހަރުކަށި އުސޫލެއް ހަދައިފި

ތިނަދޫ ސިޓީގައި އަލަށް ގޯތިދީފައިވާ ސަރަހައްދުގައި ގޯތީގެ ވެރިފަރާތްތަކުން ލާޖެއްސުމަށް ބޭނުންވެ ޝަކުވާ ކުރަމުންދާތީ އެކަން ކުރުމުގެ ހުއްދަދީ ހަރުކަށި އުސޫލެއް އާންމުކޮށްފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވިދާޅުވީ ގޯތި ލާޖެއްސުމުގެ އުސޫލު މިހާރު އޮތް ގޮތުން ލާޖެއްސުމަށް އެދި ހުށަހަޅާ ހުށަހެޅުމާ އެއްގޮތަށް ލާޖައްސައި ބިމުގެ ރަޖިސްޓްރީއަށް ބަދަލު ގެނައުމަކީ ފަހުން އެކަމުގައި ގޯތީގެ ހައްގުވެރިންގެ މެދުގައި މަސްލަހަތު ގެއްލި އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ފެންނަ ކަމަށެވެ.

އެ ޝަކުވާތައް ކައުންސިލަށް ހުށަހަޅާތީ، ލާޖެއްސުމުގެ އުސޫލެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ކައުންސިލްގެ މެމްބަރުންގެ މެދުގައި އެއްބަސްވެ އުސޫލު ވަނީ ފާސްކޮށްފައެވެ.

ކައުންސިލުން އެކުލަވާއި އެ އުސޫލުގައިވާ ގޮތުން މިހާރު ލާޖެއްސީ ބަންޑާރަ ގޯއްޗަކާއި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗަކާއި އަމިއްލަ ގޯއްޗަކަށް އެކަންޏެވެ. ކުރިން އޮންނަ ގޮތުންނަމަ ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި ވެސް ލާޖެއްސޭނެއެވެ. އާ އުސޫލުގެ ދަށުން އެކަން އެގޮތަކަށް ނުކުރެވޭނެ އެވެ. އަދި ލާ ޖައްސާ ދެ ގޯއްޒަކީ ސައިޒުން އެއްވަރުގެ ދެ ގޯތި ކަމަށް ވެސް ވާންޖެހޭނެއެވެ.

އަދި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ ގޯއްޗަކާއި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދާފައިނުވާ ގޯއްޗެއް ލާނުޖެއްސޭނެ ކަމަށާއި ގޯއްޗަކުން ބައެއް ކިތަންމެ ކުޑަ ނުވަތަ ބޮޑު ވިޔަސް، ގޯތި ބައިކޮށް ބައިބަޔަށް ރަޖިސްޓްރީ ހައްދާފައިނުވާ ނަމަ ލާނުޖެއްސޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ ލާޖައްސަނީ ދެ ސައިޒްގެ ގޯތި ކަމުގައިވާ ނަމަ، އެ ހާލަތުގައި ސައިޒުން ބޮޑު ގޯތި ސައިޒުން ކުޑަ ގޯތީގެ އަކަފޫޓާ އެއްވަރަށް ހަމަހަމަކުރުމަށްޓަކައި ގޯތި ބައިކޮށް ވަކި ރަޖިސްޓްރީއެއް ހަދަންޖެހޭނެ ކަމަށެވެ.

ލާޖައްސަނީ ދެ ސައިޒުގެ ގޯތި ކަމަށް ވާ ނަމަ، އެ ހާލަތުގައި ލާޖައްސާ ދެ ގޯތީގެ ސައިޒު އެއްހަމަކުރުމަށްޓަކައި ސައިޒުން ބޮޑު ގޯތި ބައިކޮށް ވަކި ބައެއްގެ ގޮތުގައި ރަޖިސްޓްރީ ހެއްދުމަށް ފަހުގައި، ލާޖެއްސުން އަދި ބާކީ އޮތްބައި އަމިއްލަ ކުރުމަށް ފަހު ވަކި ރަޖިސްޓަރީއެއް ހަދައި ވިއްކާ ބައެއްގެ ގޮތުގައި ހަމަޖެއްސިދާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.

އޭގެ އިތުރުން އާ އުސޫލުގައިވާ ގޮތުން ލާޖެއްސުމަށް ފަހު ގޯތީގެ ރަޖިސްޓަރީ ހެއްދުމުގެ ފީގެ ގޮތުގައި 5،000 ރުފިޔާ ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *