ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް ބ. ކަމަދޫގައި ބޭއްވި ބޮޑު އީދުގެ ޝޯތަކުން މަގްބޫލުކަން ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާއާ ކައިވެނި ބައްލަވައިގެންފިއެވެ
ސިޔާމާއި ޒާރާ ކައިވެނި ބައްލަވައިގަނެފައި ވަނީ މިއަދު ހަވީރު ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ. މި ކައިވެންޏާއި އެކީ ބޮޑު ހަފްލާއެއް ބާއްވާއިރު، މިވަގުތު ސިޔާމް ރިސޯޓުގައި ގެންގުޅޭ ތިން އަސްވެސް ވަނީ ކަމަދޫއަށް ގެންގޮސްފައެވެ.
މި ކައިވެނީގެ ހަފްލާގައި ޒާރާގެ އާއިލާ މީހުން ބައިވެރިިއެވެ.
އިއްޔެ މި ކައިވެނި ކޮށްފައިވާއިރު ރަންކިޔަންވެސް ހަފްލާއެއް ބާއްވާފައިވެއެވެ. އެ ހަފްލާގެ ތެރެއިން ގިނަބައެެއްގެ ބޮޑު ސަމާލުކަމެއް ލިބުނީ ޒާރާ ސިޔާމަށް ކިޔާދޭ އަސަރުގަދަ ދިވެހި ލަވައެވެ. ގިނަ ބަޔަކު އެއްވެ ތިބި ހަފްލާގައި ޒާރާ ކިޔައިދީފައި ވަނީ އޭނާ ސިޔާމް އާއި މެދު ދެކޭ ގޮތެވެ. ނުވަތަ އޭނާގެ ހިތުގައި ސިޔާމް އަށް އޮތް ލޯތްބެވެ.
ސިޔާމް އާއި ޒާރާގެ ކައިވެނި ކޮށްފައިވާއިރު، މި ދަނޑިވަޅުގައި ސިޔާމްގެ އެހީގައި ކަމަދޫގެ ހުރިހާ ރައްޔިތުންނަށް އުސޫލެއްގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސަވާފައެވެ.
އެމްޑީއޭގެ ރައީސްކަން ވެސް ކުރައްވާ ސިޔާމް މިހާރު ވެސް އުޅުއްވަނީ ދެ ބޭފުޅުންނާއި ކައިވެނި ބައްލަވައިގެންނެވެ.
ޒާރާއަކީ މިދިޔަ ބޮޑު އީދުގެ ތެރޭގައި ބ. ކަމަދޫގައި ބޭއްވި ކުޅިވަރުތަކުން ގިނަ ބަޔަކަށް ފާހަގަވެ، އޭނާގެ ހުނަރުން މަގުބޫލުކަން ހޯދި ޒުވާނެކެވެ.

