ރައީސް، ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ
ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. އެގޮތުން އެ ކޮމެންޓުގައި ރައީސް "މަރާލާނެ" ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބްދުﷲ މިޔާދު 40އ އެވެ.
ފުލުހުން މިރޭ ވިދާޅުވީ، އޭނާ ބޭނުން ކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓަކުން ރައީސް މުއިއްޒު އަށާއި، ދައުލަތުގެ އެކި ފެންވަރުގެ ވެެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އިންޒާރުދީ، އަދި އިތުރު އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލާނެ ކަމށާއި، އެ ނޫން ވެސް ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ ހަޑި އުތުރު ބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންދިއުމާއެކު، އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށް ޕޯސްޓްތައް ކުރަމުންދާ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަަމަށެވެ.
ފުލުހުން ދެންމެ ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

