ރައީސް ޑރ. މުއިއްޒު ބީޖޭޕީގެ ރައީސްއާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރައްވައިފި

ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ރައީސް އަދި އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ އާ އިއްޔެ ބައްދަލުކުރައްވައިފިއެވެ

މި ބައްދަލުވުމަކީ ރައީސް ޑރ. މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމަށްފަހު ބީޖޭޕީގެ ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީޖޭޕީއާ ޕީއެންސީއާ ދެމެދު ގުޅުން ބަދަހިކުރުމަށާއި ދެ ފަރާތުގެ ހުރި އެއްގޮތް ވިސްނުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުނު ކަމަށެވެ.

ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، މި ފުރަމާނަ ދަތުރުފުޅުގައި ކުރިއަށްދާ ބިނާކުރަނިވި މަޝްވަރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރ ނައްޑާ ވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުން ފެނިވަޑައިގަތުމުން އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް އެ ޚިދުމަތުގައި ކުރުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމާއި، ޑިޖިޓަލައިޒްކުރުން ހިމެނެއެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިިއްޔެ ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރަސްމީ މަޝްވަރާތައް ކުރައްވައިފައެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *