ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަމީން އެވެނިއުއިން ގަތް ދެ އެޕާޓްމެންޓް މިރޭ 12:00 ގެ ކުރިން ފުލުހުންނާ ހަވާލު ކުރަން ފުލުހުން އަންގައިފިއެވެ.
ބައްސާމްގެ މިލްކިއްޔާތުގައިވާ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރު ކޮށްފައި ވެއެވެ. މިއާއެކު އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފުލުހުން ފެށިއެވެ. ނަމަވެސް ބައްސާމްގެ ވަކީލުން އެދުނީ މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ފަސްކޮށްދިނުމަށެވެ.
މި އެޕާޓްމަންޓުތައް ފުލުހުންނާއި ހަވާލުކުރުން މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން މީގެ ކުރިން ފަސް ކުރިއެވެ.
ފުލުހުން މިރޭ ވިދާޅުވީ، ކޯޓު އަމުރުގެ ދަށުން އެޕާޓްމެންޓްތައް ހުސްކޮށް ސެޕްޓެމްބަރު 28އިން ފެށިގެން 136 ގަޑިިއިރު ތެރޭ ފުލުހުންނައި ހަވާލު ކުރަން އެންގި ނަމަވެސް، އިތުރު މުއްދަތެއް ހޯދުމަށް ޖެހިގެން އައި ދުވަހު ފުލުހުންގެ ހިދުމަތުގައި އެދުނު ކަމަށެވެ. އަދި އެ ހުށަހެޅުމަށް ރިއާޔަތްކޮށް އޮކްޓޯބަރު ހަ ވަނަ ދުވަހުގެ 12:00 އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެންގުމާއި ގުޅިގެން މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމް މި މަހުގެ 4 ވަނަ ދުވަހު އެދުނުއިރު، ފުލުހުން އިތުރަށް ދިރާސާކޮށް ބެލި ބެލުމުން އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"އެގޮތުން މި ދެ އެޕާޓްމެންޓް ހުަސްކޮށް ހަވާލުވުމުގެ ކަންކަން މި ހިދުމަތުން ކުރިއަށް ގެންދާ ވާހަަކަ ދަންނަވަމެވެ. އަދި 2024 އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެޕާޓްމެންޓް ހަވާލު ނުކޮށްދިނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓް މި ހިދުމަތުގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ ދަންނަވަމެެވެ،". ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
މި މައްސަލައިގައި މިހާރު ދައުވާ ކުރަން ފޮނުވާފައިވާނީ ބައްސާމުގެ ނަމުގައި އަމިން އެވެނިއު އޭ 1205 އަދި އޭ 1206 ދެ އެޕާޓްމެންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްފައިވާ މައްސަލައެވެ. އަދި މީގެ އިތުރުން އެފްއޭއެމް އިން އަމިން ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑަށް 14 އެޕްރިލް 2021 ވަނަ ދުވަހު އެއްމިލިއަން ޔޫއެސް ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާވާފައިވާކަން ދެއްކުމަށްޓަކައި ލިޔެކިއުން ތައްޔާރުކޮށް، އަދި އެ ފައިސާ ލޯޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް މިހާރު ވަނީ ޕީޖީއަށް ފޮނުވާފައެވެ.

