އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފިއެވެ

ރާއްޖޭގައި ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހެދީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މޯދީގެ ރަސްމީ ގެކޮޅު ހައިދްރައާބާދު ހައުސްގައެވެ.

ރައީސް ޑރ. މުއިއްޒު އާއި މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާ ސްޓޭޓްމަންޓް ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގައި، ރުޕޭ ކާޑުގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފައެވެ. އެއީ މާލޭގެ ފިހާރައެއްގައި ހެދި ޓްރާންސެކްޝަނެކެވެ.

ރުޕޭއަކީ އެކި ގައުމުތަކުގައި ބޭނުން ކުރެވޭ ގޮތަށް ރިޒާވް ބޭންކުން 2016 ވަނަ އަހަރު ތައާރަފް ކުރި ކާޑެކެވެ.

ރުޕޭ ކާޑު ސިސްޓަމްގެ ސަބަބުން ރިއަލް ޓައިމް، ހަރަދު ކުޑަވެ އަދި އަމިއްލަ ފައިސާއިން ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެންދާނެއެވެ. މި ހިދުމަތުގެ ސަބަބުން ޑިޖިޓަލް ޓްރާންސެކްޝަން ހަލުވިވެ، ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފައިދާވެ، ގައުމުތަކުގެ މެދުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުވެގެންދާނެއެވެ. ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ތައާރަފް ކުރުމުން ބޭންކްތަކަށް ރުޕޭ މެކޭނިޒަމްގެ މައްޗަށް ބިނާކޮށް ކާޑު ދޫކުރުމުގެ ފުރުސަތު ފަހިވެ، އިންޑިއާ އާއި ރާއްޖޭގެ އާބާދީތަކަށް ރުޕޭ ކާޑު ބޭނުން ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ސަބަބުން އިންޑިއާއަށް އިންގިލާބީ ބަދަލެއް އައިސްފައިވާއިރު، އެންމެ ދުރު ރަށްރަށުގެ އެންމެ ކުދި ވިޔަފާރިކުރާ ފަރާތްތަކުން ޔޫޕީއައި މެދުވެރިކޮށް މުއާމަލާތްކޮށް ޑިޖިޓަލް ޕޭމަންޓްތައް ހަމަޖައްސައެވެ. ޔޫޕީއައިގެ މުއާމަލާތްތަކުގެ ފަސޭހަކަމާއި ސްޕީޑަށް ބަލާއިރު 2023 ވަނަ އަހަރު ޔޫޕީއައި މެދުވެރިކޮށް 100 ބިލިއަނަށް ވުރެ ގިނަ މުއާމަލާތްތަކުން 24 ބިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައިވެއެވެ. މީގެ އިތުރުން ބޭންކް އެކައުންޓްތަކާއި، އަދާރް (ޑިޖިޓަލް އައިޑީ) އަދި މޯބައިލް ފޯން މެދުވެރިކޮށް، 400 ބިލިއަން ޑޮލަރު ބޭންކް އެކައުންޓްތަކަށް ޖަމާކޮށް، ލާސްޓް މައިލް ޑެލިވަރީ ކުރެވޭނެ އިންތިޒާމް ވެސް ވަނީ ފަހިކޮށްދީފައެވެ.

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. ރުޕޭ ކާޑު ރާއްޖޭގައި ތައާރަފުކުރުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ.

ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރަން ފެށުމުން ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް ވެސް ފައިސާގެ މުއާމަލާތް ކުރުމުގައި އިތުރަށް ފަސޭހަވާނެއެވެ. އަދި އިންޑިއާ އަށް ގޮސް އުޅޭ ދިވެހިން ވެސް ރުޕޭ ކާޑް ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެއެވެ.

މި ހިދުމަތް މިހާރު ދުނިޔޭގެ 185 ގައުމެއްގައި ދެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *