ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ވަނީ ބައްދަލު ކުރައްވައިފައެވެ. އޭގެ ފަހުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވައިފައެވެ. ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. މޯދީ އާއި ރައީސް ޑރ. މުއިއްޒުގެ ބައްދަލުވުން ކުރިއަށް ދިޔައީ މޯދީގެ ރަސްމީ ގެކޮޅު ހައިދްރައާބާދު ހައުސްގައެވެ.
އެގޮތުން އެންމެ މުހިންމު އެއްބަސްވުމަކަށް ސޮއިކުރީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓުގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ޝްރީ އަޖޭ ސޭތުއެވެ.
ދެވަނައަށް ސޮއިކުރީ އިންޑިއާގައި ހުންނަ ރާޝްޓްރަ ރަކްޝާ ޔުނިވާސިޓީ އާއި އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އިން އެންޑް ލޯ އެންފޯސްމެންޓާ ދެމެދުގައެވެ. އައްޑޫގައި މީގެ އަހަރުތަކެއް ކުރިން ހުޅުވި މި ކޮލެޖަކީ އިންޑިއާގެ ހިލޭ އެހީގައި ގާއިމުކުރި ކޮލެޖެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ހޯމް މިނިސްޓަރު ޑރ. ރަޖެންދުރާ ކުމާރެވެ.
މީގެއިތުރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ސެންޓްރަލް ބިއުރޯ އޮފް އިންޑިއާ އާއި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޝަހީބެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު ޑރ. ރަޖެންދުރާ ކުމާރެވެ.
މީގެއިތުރުން ނެޝަނަލް ޖުޑިޝަލް އެކަޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެމެދު މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޝަހީބެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
އަދި ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުން ވެސް އާ ކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޝަހީބެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މި ރަސްމިއްޔާތުގައި ވަނީ ރުޕޭ ކާޑްގެ ހިދުމަތް ރާއްޖޭގައި ތައާރަފްކޮށްފައެވެ. އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހު ކުރިއިރު، އިންޑިއާގެ އެގްޒިމް ބޭންކްގެ ކްރެޑިޓް ފެސިލިޓީގެ ދަށުން އިމާރާތް ކުރި 700 ހައުސިން ޔުނިޓް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލު ކުރުން އޮތެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭއަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަމަށް އެދި ކުރެއްވި ދަތުރުފުޅެކެވެ. އަދި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޯށްދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިންޑިއާއިންވެސް ވަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން ރައީސްގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި އެމަނިކުފާނު ދެކިލައްވައެވެ.

