ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނާއި އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ރައީސް ފޮޓޯއަކަށް ހުއްޓިގެން. --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒަށް އިންޑިއާއިން ތާރީހީ މަރުހަބާއެއް!

ރައީސް މުއިއްޒަށް އިންޑިއާއިން ތާރީހީ މަރުހަބާއެއް!

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްހްބާ ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރާޝްތުރަޕަތީ ބަވަންގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސްގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަގްބަރާ، ރާޖްގަޓަށް ޒިޔާރަތްކުރެއްވިއެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގެ ބޮޑުވަޒީރު މޯދީއާއިއެކު ބައްދަލުވުމެއް އޮންނާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އިންޑިއާގެ އެހީގައި ހިންގި ބައެއް މަޝްރޫއުތައް ނިމުން ފާހަގަކުރުމާއި އާ ބައެއް މަޝްރޫއުތައް އިފްތިތާހުކުރުން އޮންނާނެއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް އިންޑިއާ އަށް ކުރައްވާ ތާރީހީ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން އާގަރާ އާއި މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގެން އެކިއެކި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާއެވެ. އޭގެ ފަހުގައި ރޭގެ ވަގުތެއްގައި ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި އެ ދިވެހިންގެ ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ.

 

 

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *